އޯގަސްޓް މަސް ނިމުމުގެ ކުރިން އައްޑޫ، ފުވައްމުލައް އަދި ހުވަދޫ ގުޅާލާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ހުވަދު އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފެށުމަށް ހުވަދު އަތޮޅަށް މިއަދު ވަނީ 6 ފެރީ ލޯންޗު ފުރާފާއެވެ. ހުޅުމާލެ ފެރީ ޓާމިނަލުގައި މި ލޯންޗުތައް ފުރުމުގެ ކުރިން އާޒިމް މީޑިއާތަކާއި ވާހަކަ ދައްކަވަމުން ވިދާޅުވީ ހުވަދޫއަށް މިއަދު 6 ފެރީ ލޯންޗު ފޮނުވި ނަމަވެސް މިއަދު ކުރިއަށް އޮތް ދުވަސްތަކުގައި ޚިދުމަތައް އިތުރު ލޯންޗުތައް ފޮނުވާނެ ކަމަށެވެ. އަދި މިއަދު ލޯންޗުތައް ހުވަދު އަތޮޅަށް ފުރިއިރު، މި ޙިދުމަތް ހުވަދޫގައި ފެށޭނީ އޯގަސްޓް މަހުގެ 13 ވަނަ ދުވަހު ކަމަށް އާޒިމް ވިދާޅުވިއެވެ.
"ޖުލައި މަހު ފެށިގެން މިދަނީ. ޖުލައި 13 ވަނަ ދުވަހު ފެމިލިއަރައިޒޭޝަން ދަތުރުތައް ފެށެނީ. 20 ވަނަ ދުވަހު ފައިސާ ދީގެން ކުރާ ދަތުރުތައް ރަސްމީކޮށް ފެށިގެން ދާނެ " އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މި ދަތުރުތައް ފެށިގެންދާއިރު ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އެގޮތުން ކައުންސިލްތަކާއި ބައްދަލުކޮށް މައުލޫމާތު އެކި ފަހަރު މަތިން ދީފައިވާއިރު، ރައްޔިތުން އިތުރަށް ބޭނުންވާ މައުލޫމާތު ވެސް 1650 އަށް ގުޅާލުމުން ފަސޭހަކަމާއި އެކު ލިބިގެން ދާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ޚިދުމަތް ދިނުމަށް މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ކޮށްފައިވާނެ ކަން ފާހަގަކޮށް އާޒިމް ވިދާޅުވީ، މި އާރްޓީއެލްގެ ޚިދުމަތުގައި އުޅޭ މުވައްޒަފުން 8 ބާވަތެއްގެ ތަމްރީނު ފުރިހަމަ ކޮށްފައިވާނެ ކަމަށެވެ. އަދި މިކަމަކީ މިއީ ކަމަކަށް ކަމެއް ކުރުމަށްވުރެން ބޮޑަށް ރައީސް ސާލިޙުގެ ވިސްނުން ފުޅާއި އެއްގޮތަށް ރޭވިގެން ކުރެވޭ ކަމެއްގެ ގޮތުގައި އާޒިމް ފާހަގަ ކުރެއްވިއެވެ.
Huvadhu atoll ge RTL hidhumaiy feshumah hihfaseyha, speed baaru ulhadhuthah furaifi. 13th July in 19 July ah hiley dhathuru kureveyne. 20 July in feshigen agu nagaigen dhathuru thah fesheyne. Hidhumaiy beynun kurahvaa beyfulhunah niyaama dhathuru thakakah edhen. pic.twitter.com/V4fTGRGQI1
— Adam Azim (@adamazim) July 6, 2023
އެމްޓީސީސީން ވަނީ އާރްޓީއެލްގެ ޚިދުމަތް ޖުލައި މަހު ފަށާއިރު އޯގަސްޓް މަހުގެ ތެރޭ ހުވަދޫ، އައްޑޫ އަދި ފުވައްމުލައް ސިޓީ އެއްކޮށް މި ޚިދުމަތުގެ ތެރެއިން ގުޅާލާނެ ކަން ހާމަކޮށްފައެވެ.
މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ކުރިއަށް ގެންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ނިޒާމުގެ ދަށުން މިހާތަނަށް ހަތަރު އަތޮޅެއްގަައި ޚިދުމަތް ދެއެވެ. އެއީ ހއ. ހދ. ށ. އަދި ޅ އަތޮޅުގައެވެ. އަދި މިމަހުގެ ހުވަދޫގައި ފެށިގެން ދާނެކަން އެމްޓީސީސީން މިވަނީ ހާމަކޮށްފައެވެ.