އއ. އުކުޅަސް މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް ފަށައިފިއެވެ.
މިމަސައްކަތް ހަވާލު ކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެ ކުންފުނިން ބުނެފައިވަނީ އއ. އުކުޅަސް މަގުހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް 4 ޖުލައި 2023 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 2678 މީޓަރުގެ 10 މަގެއް ތަރައްޤީ ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން މި މަގުތަކުގައި، ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމާއި، ސެޓްލްމެންޓް ޓޭންކް ހަރުކުރުމާއި، ކޭބަލް ޖަންކްޝަން ފޮށި ވަޅުލުމާއި، 4193 އަަކަ މީޓަރުގެ ހިނގާ ސަރަޙައްދެއް ޤާއިމުކުރުމާއި، 14,452 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، ކަފިހި ހުރަސް ޤާއިމުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމާއި، މަގުމަތީގެ ރައްކާތެރިކަމަށް ސައިން ބޯޑު ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
އއ. އުކުޅަސް މަގުހެދުމުގެ މަޝްރޫއަކީ 56.11 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.