Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ދައުރުން ބޭރު އިތުރު ޖަލްސާއެއް ހޯމަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ތަޅުން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން އިތުރު ޖަލްސާއެއް ހޯމަ ދުވަހު ބޭއްވުމަށް އެޖެންޑާ ކޮށްފިއެވެ.

ދައުރުން ބޭރުން ދެވަނަ ޖަލްސާއެއް ބޭއްވުމަށް މަޖިލީހުން އެޖެންޑާ ކޮށްފައިވާއިރު، އެޖަލްސާގެ އެޖެންޑާގައި ހިމަނާފައިވަނީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތެވެ.

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންތަކެއް އެޕާޓީން ވަކިވުމާ ގުޅިގެން އެމްޑީޕީއަށް ވަނީ މަޖިލީހުގެ 'ސުޕަ މެޖޯރިޓީ' ގެއްލިފައެވެ. އޭގެފަހުން މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމަށް މަޝްވަރާތައް ކުރެވުނު ނަމަވެސް ގޮތެއްއަދި ނިމިފައެއް ނުވެއެވެ.

ކޮމިޓީތައް އެކުލަވާނުލެވި ދިގުލައިގެންގޮސް، މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައިވާއިރު، އެކަން ހައްލުކުރުމަށް ދައުރުން ބޭރުން މިފަހަރު އެއް ޖަލްސާ ބާއްވާފައިވެއެވެ. އެހެންނަމަވެސް އެ ޖަލްސާވެސް ވަނީ ކުރިއަށް ނުގެންގޮސް ފެށިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ނިންމާލާފައެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށަހަޅާފައި އޮތުމުން މަޖިލީހުގެ ޖަލްސާތައް ވަނީ ކުރިއަށް ނުގެންދެވި ހުއްޓުމަކަށް އައިސްފައެވެ. މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު ކަންކަން ނުނިންމާ މަޖިލިސް ޗުއްޓީއަށް ގޮސްފައިއޮތުމުން އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.