ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތަކުގެ މައްސަލާގައި ހައްޔަރު ކުރި ހަސަން މަމްދޫހު (މަންޑޭ)ގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މަންޑޭ ހައްޔަރު ކޮށްފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައެވެ. ފުލުހުން މިއަދު ބުނެފައިވަނީ އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ދީފައިވާ ކަމަށެވެ.
މަންޑޭ ހައްޔަރުކުރިއިރު އޭނާ ފުރުން މަނާކޮށް، ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އޮތީ ބާތިލުކޮށްފައެވެ. ޕާސްޕޯޓް ދޫކޮށްލުމަށް އަމުރުކުރީ ޒަރޫރީ ބޭނުމެއްގައި އޭނާ ރާއްޖެއިން ބޭރަށް ދާން ޖެހުމާ ގުޅިގެން، 45 ދުވަސް ތެރޭގައި އެނބުރި ރާއްޖެ އައުމަށް ޝަރުތު ކުރުމަށްފަހުއެވެ.
މަންޑޭގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ކޭ ޕާކް އިމާރާތް ކުރަމުން އަންނަ ހަންބޯ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ ޖިން ޝިހޫގެ ފަރާތުން އެ ކުންފުނީގެ އަނެއް ހިއްސާދާރު ކަމަށްވާ މަންޑޭގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް ފުލުހުންނަށް މައްސަލަ ހުށަހެޅުމުންނެވެ.
ހަންބޯ ކުންފުނީގެ މެޖޯރިޓީ ޝެއާ ހޯލްޑަރަކީ ޖިން ޝިހޫއެވެ. މައިނޯރިޓީ ހިއްސާދާރު މަމްދޫހުގެ އަތުގައި އޮންނަނީ ފަސް ޕަސެންޓް ހިއްސާއެވެ.