އަންނަ އަހަރުގެ ނިޔަލަށް މުޅި ރާއްޖެ އެއްކޮށް އާރްޓީއެލްއިން ގުޅާލުމަށް އާމާޒު ހިފާފައިވާ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ، އާރްޓީއެލްގެ ޚިދުމަތް ހުވަދު އަތޮޅުގައި ފެށުމަށް ބޭނުންވާ އުޅަނދުތައް ހުވަދޫއަށް ފޮނުވުމުގެ ކުރިން މީޑިއާއަށް ދައްކާލުމަށްފަހު ހުޅުމާލެ ފެރީ ޓާމިނަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައެވެ. އާޒިމް ވިދާޅުވި ގޮތުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް ނުވަތަ އާރްޓީއެލް ނިޒާމަކީ ރައީސް ރައްޔިތުންނަށް ވެފައިވާ ރަށު ބަނދުން ފިލުވައިދިނުމުގެ ވަޢުދު ކަމަށެވެ. އަދި މިއީ ދުނިޔޭގެ ފެންވަރުގައިވެސް މިކަން ކުރެވޭނެ އެންމެ ރަނގަޅަށް ކުރިއަށް ގެންދެވޭ މަޝްރޫޢުއެއް ކަމަށް އާޒިމް ވިދާޅުވިއެވެ.
އަދި މިކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ މިހާރު ޤާއިމް ކުރެވިފައިވާ ކަމަށާއި، ވަގުތު ހޭދަވަނީ މިހާރު އުޅަނދުތައް ބަނުމަށް ހޭދަވާ ވަގުތު ކަމަށް އާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިދާ ސްޕީޑުގައި ދަންޏާ މިއީ ވަރަށް ފަސޭހައިން ވާނެ ކަމެކޭ އަޅުގަނޑަށް ޤަބޫލު ކުރެވޭ. 2024 ނިމުމުގެ ކުރިން މުޅި ރާއްޖެ އެއްކޮށް އާރްޓީއެލް ނިޒާމުން ގުޅާލެވިގެން ދާނެ. ބޭނުންވާ ހުރިހާ އިންފްރާސްޓްރަކްޗަރ މަސައްކަތް މިހިރީ ނިމިފައި. ބޭނުންވަނީ ލޯންޗުތައް ބަނދެ ނިންމަން " އާޒިމް ވިދާޅުވިއެވެ.
އާޒިމްގެ ވަނީ ރައީސް ސާލިޙް ވެރިކަމުގައި ދެމި ހުރެއްޖެ ނަމަ، 2024 ނިމެންވާއިރު މުޅި ރާއްޖެ އޮންނާނީ އެއްކޮށް ދަތުރު ފަތުރުގެ ނިޒާމުން ގުޅާލެވިފައި ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ރައްޔިތުން އެތަށް ދުވަހެއްގެ އިންތިޒާރުގައި ތިބި މަޝްރޫޢެއް ކަމަށް ވިދާޅުވިއެވެ. އަދި މިވަގުތު އެންމެ ބޮޑު ފޯކަސް އެއް ހުރީ މުވައްޒަފުންގެ ތަމްރީނުތަކަށް ކަމަށް ވިދާޅުވިއެވެ.
Raajjege hurihaa atoll akah 2024 vana aharu nimumuge kurin mi hidhumaiy tha’aaraf kurevigen dhaane IA.
— Adam Azim (@adamazim) July 6, 2023
އާރްޓީއެލް ފެރީ ނިޒާމު ދެން އެންމެ އަވަހަށް ފެށޭނީ ހުވަދު އަތޮޅުގައެވެ. އެ އަތޮޅަށް މިއަދު 6 ލޯންޗު ފޮނުވާލިއިރު، ޚިދުމަތް މިމަހުގެ 13 ވަނަ ދުވަހު ފެށޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ފުރަތަމަ ހަފްތާގައި ރައްޔިތުންނަށް ޚިދުމަތް ދޭނީ މުޅިން ހިލޭ ކަމަށާއި، ރަސްމީކޮށް ފައިސާ ނަގައިގެން ދަތުރުތައް މިމަހުގެ 20 ވަނަ ދުވަހު ފަށާނެ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ. މީގެ އިތުރުން މިއަންނަ އޯގަސްޓް މަހުގެ ތެރޭ ތިން ދެކުނު ތިން އަތޮޅު އާރްޓީއެލްއިން ގުޅާލާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
އާރްޓީއެލްގެ ޚިދުމަތް މިވަގުތު ރާއްޖޭގެ 4 އަތޮޅުގައި ވަނީ ފެށިފައެވެ. އެއީ ހއ.، ހދ.، ށ. އަދި ޅ. އަތޮޅުގައެވެ. މިއީ މުޅި ރާއްޖެ ދަތުރު ފަތުރުގެ އެއް ނިޒާމަކުން ގުޅުވާލުމަށް ރައީސް ސާލިޙްގެ ސަރުކާރުން އިސްނަންގަވާ ފަށްޓަވާފައިވާ މަޝްރޫޢުއެކެވެ.