Last Updated: June 28, 20:14
Sunday, June 28, 2026
ޚަބަރު

ޖަލްސާއަށް "ހުރަސް އެޅި" އެންމެން ދޫކޮށްލައިފި

ޖަލްސާއަށް ވަދެ ހަމަ ނުޖެހުން އުފައްދަން މަސައްކަތް ކުރި މީހަކު ފުލުހުން ގެންދަނީ: ފޮޓޯ: އައްޑޫލައިވް

މިދިޔަ ހުކުރު ދުވަހުގެ ރޭ ފޭދޫ ބަނދަރު ސަރަހައްދުގައި އެމްޑީޕީން ބޭއްވި ޖަލްސާއަށް މޫނު ނިވާކޮށްގެން ލަކުޑި ބުރި ހިފައިގެން ވަދެ ހަމަ ނުޖެހުން ހިންގަން މަސައްކަތް ކުރި މައްސަލާގައި ފުލުހުން ހައްޔަރުކުރި އެންމެން ދޫކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާދިސާގައި ޖުމްލަ 16 މީހަކު ހައްޔަރުކުރި ކަމަށެވެ. ނަމަވެސް މިހާރު ހުރިހާ އެންމެން ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އެމީހުން ދޫކޮށްލި ސަބަބެއް ފުލުހުން ނުބުނެއެވެ.

ހުކުރު ދުވަހުގެ ރޭ އެމްޑީޕީ ޖަލްސާއަށް ހުރަސް އަޅައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރި ފަހުން، އެރޭ ހިތަދޫގައި ދެކުނު ދާއިރާގައި ހުންނަ އެމްޑީޕީގެ އޮފީސް ބަޔަކު ވަނީ އެއްކޮށް އަންދާލާފައެވެ.

އަދި އެހާދިސާގައި ޝައްކު ކުރެވޭ ބަޔަކު ހޯދަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމްޑީޕީގެ ލީޑަރޝިޕްގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ހަމަ ނުޖެހުން އުފައްދަން އުޅުމުގެ ތެރޭގައި 3 ފުލުހަކަށް އަނިޔާވެ، ފޭދޫ ސިއްހީ މަރުކަޒުގައި ވަނީ ފަރުވާ ދީފައެވެ.