Last Updated: July 25, 13:53
Saturday, July 25, 2026
މުނިފޫހިފިލުވުން

"އުލާޖް" ގެ ފުރަތަމަ ޝެޑިއުލް ނިންމާލައިފި

ޑިޕްލޮމެޓިކް ގުޅުންތަކެއްގެ މައްޗަށް ބިނާކޮށް ހަދާ ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރްގެ ފިލްމު "އުލާޖް" ގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ލަންޑަންގައި ނިންމާލައިފި އެވެ.

މި ފިލްމުގެ ޝޫޓިން އިނގިރޭސިވިލާތުގައި ފެށީ މިދިޔަ މަހުގެ 18 ގަ އެވެ. އޭގެ ވިއްސަކަށް ދުވަހު ފަހުން "އުލާޖު" ގެ ފުރަތަމަ ޝެޑިއުލް ނިންމައިލިކަން އެ ފިލްމު ޕްރޮޑިއުސްކުރާ ޖަންގްލީ ޕިކްޗާސް އާއި ޖާންވީ ވެސް އިންސްޓަގްރާމްގައި މިއަދު ހިއްސާކޮށްފައިވެ އެވެ.

ކުރީގެ ބަތަލާ ސްރީދޭވީގެ ދަރިފުޅު ބުނި ގޮތުގައި ދެން އޮތީ ފިލްމުގެ ދެވަނަ ޝެޑިއުލް އެވެ. އެއަށް ވެސް ވިއްސަކަށް ދުވަސް ނަގާނެ ކަމަށް ބުންޏެވެ.

"އުލާޖް" އަކީ ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ ޑައިރެކްޓަރު ސުދާންޝޫ ސާރިއާ ޑައިރެކްޓްކުރާ އެއްޗެކެވެ. މީގެ ބަތަލާއިންނަކީ މާ މަޝްހޫރު ނޫން އެކްޓަރުންތަކެއް ކަމަށްވާ ގުލްޝަން ދެވިއާ އާއި ރޯޝަން މެތިއު އެވެ.

ޖާންވީގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 21 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރަން ތައްޔާރުވަމުން އަންނަ "ބަވާލް" އެވެ. ވަރޫން ދަވަން ބަތަލުގެ ރޯލު ކުޅުނު ފިލްމުގެ ޑައިރެކްޓަރަކީ ނިތޭޝް ތިވާރީ އެވެ.