Last Updated: May 9, 23:24
Thursday, May 9, 2024
މީހުން

ތުރެޑްސްގައި މިސްޓަބީސްޓަށް ރެކޯޑެއް

މެޓަ އިން މިއަދު ލޯންޗްކުރި އާ އެޕް، "ތުރެޑްސް" ގައި އެންމެ ފުރަތަމަ މިލިއަން ފޮލޯވަރުން ހަމަކުރިި މީހާގެ ރެކޯޑް އެމެރިކާގެ މަޝްހޫރު ޔޫޓިއުބާ މިސްޓަ ބީސްޓަށް ލިބިއްޖެ އެވެ.

އަސްލު ނަމުން ނަމަ ޖިމީ ޑޮނަލްޑްސަން، 25، ގެ ފޮލޯވަރުންގެ އަދަދު މިހާރު 1.3 މިލިއަނަށް އަރަ އެވެ. މި ކާމިޔާބީއާ ގުޅިގެން ކުރި ތުރެޑްސްއެއްގައި މެޓަގެ ވެރިޔާ މާކް ޒަކަބާގް ޓެގްކޮށް ބުނީ އާ އެޕްގެ ސީއީއޯގެ މަގާމަށް އޭނަ ހަމަޖައްސަން ވެސް ޖެހޭ ކަމަށެވެ.

https://www.threads.net/@mrbeast

"ތުރެޑްސް" ގައި ހޯދި ކާމިޔާބީއާ ގުޅިގެން ގިނިސް ވޯލްޑް ރެކޯޑުން ވެސް މިހާރު ވަނީ އެންމެ ފުރަތަމަ އޭގައި މިލިއަން ފޮލޯވަރުން ހަމަކުރި ފުރަތަމަ މީހާގެ ރެކޯޑް މިސްޓަ ބީސްޓް ކަށަވަރުކުރި ވާހަކަ ހިއްސާކޮށްފަ އެވެ.

އެޕް ލޯންޗްކުރި ދުވަހު މިސްޓަ ބީސްޓް "ތުރެޑްސް" ގައި ރެކޯޑް ހެދި އިރު، ދެވަނަ އަށް ފޮލޯވަރުންގެ އަދަދު މިލިއަނަކަށް އެރީ ޒަކަބާގެވެ. އޭނަގެ ފޮލޯވަރުންގެ އަދަދު މިހާރު 1.2 މިލިއަނަށް އަރަ އެވެ.

https://www.threads.net/@zuck

ޓްވިޓާއާ ވާދަ އަށް ހެދި "ތުރެޑްސް" އަކީ 500 އަކުރާ ހަމައަށް ޓެކްސްޓްކުރެވޭ އަދި އިންސްޓަގްރާމާ ވަރަށް ވައްތަރުކޮށް ފަރުމާކޮށްފައިވާ އެޕެކެވެ. އޭގައި ފޮޓޯ އާއި ވީޑިއޯ ޕޯސްޓްކުރެވޭ ގޮތަށް "ތުރެޑްސް" ގައި ވެސް ފޮޓޯ އާއި ވީޑިއޯ ޕޯސްޓްކުރެ އެވެ. އަދި މި އެޕް އިންނަނީ އިންސްޓަގްރާ އިންޓަ-ލިންކް ވެސްކޮށްފަ އެވެ.

"ތުރެޑްސް: ބޭނުންކުރާ މީހުންގެ އަދަދު މިހާރު އުޅެނީ 30 މިލިއަނުން މަތީގަ އެވެ.