Last Updated: June 12, 22:07
Friday, June 12, 2026
ޚަބަރު

"ކައުންސިލާ ބެހޭ ގޮތުން ފެނަކަ އިން ދައްކަނީ ހަގީގަތާ ހިލާފް ވާހަކަތަކެއް"

ފެނަކައިގެ ދަށުން ހިންގާ އެސްޔޫއެލް އިން ލިންކް ރޯޑް މަރާމާތު ކުރަނީ. ފޮޓޯ/ އައްޑޫ ލައިވް

އައްޑޫ ކައުންސިލުން ހަ މިލިއަނެއްހާ ރުފިޔާ ދައްކަން ޖެހޭ ކަމަށް ބުނެ ފެނަކަ ކޯޕަރޭޝަނުން ދައްކާ ވާހަކައަކީ ހަގީގަތާ ހިލާފް ވާހަކައެއް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ފެނަކަ މެނެޖިން ޑިރެކްޓަރު މުހައްމަދު ނިމާލް އައްޑޫ ސިޓީ ކައުންސިލާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކަށް ރައްދު ދިނުމަށް ކައުންސިލުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ކައުންސިލުން ފެނަކަ ކޯޕަރެޝަނަށް ދައްކަން ޖެހޭ ހަ މިލިއަން ރުފިޔާއެއް ނޯންނާނެ ކަމަށެވެ.

"މިފަދަ ދޮގުވާހަކަތައް ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅޭގޮތަށް ފަތުރަމުންދާ ދިއުމަކީ، އައްޑޫސިޓީ ކައުންސިލުން ހިތާމަކުރާ ކަމެކެވެ. ޒިންމާދާރު ނޫސްވެރިކަމަކީ، އެއް ފަރާތެއްގެ ވާހަކަ ލިޔެފައި ދޫކޮށްލުމެއް ނޫނެވެ. ރައްޔިތުންގެ މަސްލަހަތާ ގުޅުން ހުރި ކަންކަމުގައި ދެ ފަރާތުގެ ވާހަކަ ހޯދައި ހަގީގަތް ހާމަކުރުމަކީ، ނޫސްވެރިން ކުރަން ޖެހޭނެ ކަމެކެވެ. ޒިންމާދާރު ގޮތުގައި ކުރާ ނޫސްވެރިކަމަކީ، ދެ ފަރާތުގެ ބަހެއް ވެސް ހޯދާލާ ރައްޔިތުންނާ ހިސާބަށް އެކަމެއް ތިލަކުރުމެވެ. ހަވީރު ނޫހުގައި އައްޑޫ ސިޓީ ކައުންސިލް ބަދުނާމުކޮށް މިފަދަ ވާހަކަތަކެއް ލިޔުމަކީ، އަޅުގަނޑުމެން ހިތާމަކުރާ ކަމެކެވެ. މިކަމުގެ ހަގީގަތް ބަލައި، ފިޔަވަޅު އަޅައި ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލަށް މި ފުރުސަތުގައި ގޮވާލަމެވެ." ކައުންސިލްގެ ބަޔާނުގައިވެ އެވެ.

"ފެނަކަ ކޯޕަރޭޝަނަށް، އައްޑޫ ސިޓީ ކައުންސިލުން ހަ މިލިއަން ރުފިޔާ ދައްކަންޖެހިފައިވާ ކަމަށް އެކޯޕަރޭޝަނުން ވިދާޅުވުމަކީ، ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމުގައި އައްޑޫ ސިޓީ ކައުންސިލުން ފާހަގަ ކުރަމެވެ. އައްޑޫ ސިޓީ ގައި ގާއިމުކޮށްފައިވާ ސަރުކާރުގެ ބައެއް މުއައްސަސާތަކުން ސަދަން ޔުޓިލިޓީޒް ލިމިޓެޑް (އެސްޔޫއެލް) ގެ ބިލްތަކަށް ފައިސާ ދައްކަން ޖެހިފައި އޮތުމަކީ، ވެދާނެ ކަމެކެވެ. މިގޮތުން ހައުސިން މިނިސްޓްރީގެ ޒިންމާގެ ދަށުގައި ހުރި ކޮންވެންޝަން ސެންޓަރުގެ ކަރަންޓް ބިލްތަކަށް ފައިސާ ނުލިބޭކަން އަޅުގަނޑުމެންނަށް ވެސް ވަނީ އެނގިފައެވެ."

ކައުންސިލުން ބުނީ ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ނުދައްކައި ޒިންމާދާރުވުމަށް ފެނަކަ ކޯޕަރޭޝަނަށް ގޮވާލާ ކަމަށެވެ. އަދި ރައްޔިތުންނަށް ފަސޭހަވާ ފަދަ ނިޒާމެއްގެ ދަށުން ޚިދުމަތް ފޯރުކޮށް ދިނުމަށް ވެސް ކައުންސިލުން ވަނީ ފެނަކަ އަށް ގޮވާލައިފަ އެވެ.

"މި ފުރުސަތުގައި ފެނަކަ ކޯޕަރޭޝަނާ އައްޑޫސިޓީ ކައުންސިލާ އޮންނަ ގާތްގުޅުން އަބަދުވެސް ދެމިއޮވެ، މި ސިޓީގެ ރައްޔިތުންނަށް ކަރަންޓްގެ އަލިކަން ފަސޭހަކަމާއެކީ ލިބޭނެގޮތް ވުމަށް އެދޭވާހަކަ ދަންނަވަމެވެ. އަދި އެސްޔޫއެލް އިން އައްޑޫސިޓީގައި ދެމުން ދިޔަ އެހެނިހެން ޚިދުމަތްތައްވެސް ހުއްޓުމެއްނެތި ލިބެމުންދާނެ ކަމަށް އުންމީދު ކުރަމެވެ. އަދި މިކަމުގައި ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް އެދޭ ވާހަކަ ވެސް ދަންނަވަމެވެ."