އިންޑިއާގެ މަޝްހޫރު އެކްޓަރު ކަމަލް ހަސަން ޕްރޮޑިއުސްކުރާ ފިލްމެއް ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްއް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި މި ފިލްމަކީ ތަމަޅަ ޑައިރެކްޓަރު ވިގްނޭޝް ޝިވަންއާ ހަވާލުކޮށްގެން ހަދަން ނިންމާފައިވާ އެއްޗެކެވެ. އަދި ފިލްމުގެ ބަަތަލުގެ ރޯލު ކުޅޭނީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން ރޮމޭންޓިކް ކޮމެޑީ ޑްރާމާގެ ބަތަލު/ޑައިރެކްޓަރު ޕްރަދީޕް ރަންގަނާތަން އެވެ.
ނަމަވެސް ފިލްމާ ބެހޭ ގޮތުން ރަސްމީކޮށް ކަމަލް ހަސަން އަދި ވަކި އެއްޗެއް ނުބުނެ އެވެ. އޭނަ ޕްރޮޑިއުސްކުރާ ފިލްމެއް ޖާންވީ އަށް ހުށަހެޅި ކަމަށް ބުނާ އިރު، އަރަމުން އަންނަ ޒުވާން ބަތަލާގެ މަންމަ ކުރީގެ މަޝްހޫރު ތަރި ސްރީދޭވީއާ އެކީ ކަމަލް ހަސަން ފިލްމުތަކެއް ކުޅެފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ 1983 ގެ "ސަދުމާ" އެވެ.
ތަމަޅަ ފިލްމެއް ޖާންވީ އަށް އޮފާކުރި އިރު އޭނަގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ތެލެގޫ ފިލްމެއް ވެސް ހިމެނެ އެވެ. އެއީ މިދިޔަ އަހަރު ރިލީޒްކުރި "އާރްއާރްއާރް" ގެ އެއް ބަތަލު ކަމަށްވާ އެންޓީއާރް ޖޫނިއާއާ އެކީ ފެނިފެންދާނެ "ދެވާރާ" އެވެ. އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ އެ ފިލްމުގެ ކާސްޓްގައި ސައިފް އަލީ ޚާން ވެސް ހިމެނެ އެވެ.
ޖާންވީގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 21 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރާ "ބަވާލް" އެވެ.