Last Updated: July 15, 18:06
Wednesday, July 15, 2026
ޚަބަރު

ނުހުޅުވާތީ މަރަދޫ ޓާފް ދަނޑަށް ވަނުން މަނާކޮށްފި

ޓާފް އަޅައިގެން ހަދާފައި އޮތް އައްޑޫ މަރަދޫ ރަސްމީ ބޯޅަދަނޑު ނުހުޅުވަނީސް މިހާރު އެތަނުގައި ކުޅޭކަން ފާހަގަކުރެވުމާ ގުޅިގެން އެކަން މަނާކޮށް، ކައުންސިލުން ނޯޓިސް ހަރުކޮށްފި އެވެ.

މަރަދޫ ބޮޑުމަގުގައި ވަށައި ފާރު ރާނައި ފެންސް ޖަހައި އަދި "ވެންބޮޅޮފޮށި ސްޓޭޑިއަމް" ގެ ނަމުގައި ބޭނުން ކުރަމުން އައި ދަނޑުގައި ޓާފް އަޅައި ނިންމާފައި އޮތް ނަމަވެސް އެތަން ނުހުޅުވައި ލަސްވާތީ މަރަދޫގެ ޒުވާނުން ދިޔަައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ރަށުގެ ޒުވާނުންތަކެއް މިދިޔަ ބުދަ ދުވަހު ދަނޑަށް ވަދެ، އެތަނުގައި ވަނީ ކުޅެފަ އެވެ. އޭގެ ފޮޓޯ އާއި ވީޑިއޯ ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ.

ނަމަވެސް ދަނޑު ރަސްމީކޮށް ނުހުޅުވަނީސް އެތަނަށް ވަދެ ކުޅެން ފެށުމާ ގުޅިގެން ކައުންސިލުން އެތަނުގެ ބޭރުގައި ޖެހި ނޯޓިހެއްގައި ބުނީ ކައުންސިލްގެ ހުއްދަ ނެތި ދަނޑަށް ވަނުމަކީ މަނާ ކަމެއް ކަމަށެވެ.

އެ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ މެދުތެރޭގަ އެވެ. އަދި ކޮންޓްރެކްޓް، ސާރިއާ އިންވެސްޓްމަންޓުން މަސައްކަތް ނިންމައި ކައުންސިލާ ދަނޑު ހަވާލުކުރީ މިދިޔަ މެއި މަހުގެ ފަހުކޮޅު އެވެ.

@shukuttey

Maradhoo Football Ground. #adducity #maradhoo #football #footballpitch #footballground #maldives #maldivestiktok #fyp #pyf #foryou

♬ ReallyGoodDroneShot Giveaway Audio – DJI Official

ނަމަވެސް ދަނޑު ނުހުޅުވުމުގެ ޝަކުވާތަކާއި ކަންބޮޑުވުން މަރަދޫ ޒުވާނުންގެ މެދުގައި ބޮޑެވެ.

އެކަމާ ގުޅިގެން އެ އަވަށުގެ ކައުންސިލަރު އަހުމަދު ނާދިރު މިދިޔަ ބުދަ ދުވަހު "އައްޑޫ ލައިވް" އަށް ވިދާޅުވީ މި މަހުގެ ތެރޭގައި ދަނޑު ހުޅުވާނެ ކަމަށެވެ. އޭނަ ވިދާޅުވި ގޮތުގައި ދަނޑު ނުހުޅުވި ލަސްވަނީ ދަނޑު ބޭނުންކުރަން ފެށުމުގެ ކުރިން ޕިޗްގެ ހާލަތު ވަޒަންކޮށް ދޭން ޔޫތު މިނިސްޓްރީގެ އެދިފައި އޮތަސް އެކަން ލަސްވާތީ ކަމަށެވެ.

ނާދިރު ވިދާޅުވީ ދަނޑު ހުޅުވަން ބޭނުން ވަނީ ބަލަން ޖެހޭ ހުރިހާ ކަމެއް ބަލައި ނިންމުމަށް ފަހު ކަމަށެވެ. އެހެން ނޫން ނަމަ ދަނޑު ބޭނުން ކުރަން ފަށާ ތަނުން މައްސަލަތަކެއް ދިމާވެއްޖެ އަނެއްކާ ވެސް އެކަމުގެ ގެއްލުމާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.