Last Updated: July 25, 13:53
Saturday, July 25, 2026
މުނިފޫހިފިލުވުން

ދީޕިކާ އާއި ޕްރަބާސްގެ ފިލްމު ހޮލީވުޑްގެ އިވެންޓަކަށް

އިންޑިއާގެ މަޝްހޫރު ތަރިން ކަމަށްވާ ޕްރަބާސް އާއި ދީޕިކާ ޕަދްކޯންގެ ފިލްމުގެ ނަމާއި ރިލީޒްކުރާ ތާރީހާއި އޭގެ ފުރަތަމަ ޓީޒާ ދައްކައިލާ އިވެންޓް މި މަހުގެ 20 ގައި އެމެރިކާގައި އޮންނާނެކަން އިއުލާންކޮށްފި އެވެ.

"ޕްރޮޖެކްޓް ކޭ" ގެ ނަމުގައި މަސައްކަތް ކުރިއަށްދާ މި ފިލްމާ ގުޅުން ހުރި މުހިއްމު ކަންކަން އިއުލާން ކުރަން ފުރުސަތު ލިބުނީ ހޮލީވުޑްގައި ކޮމިކް-ކޮންގެ ނަމުގައި ބާއްވާ އިވެންޓްގަ އެވެ. އެ އިވެންޓް އޮންނާނީ މި މަހުގެ 20 ގައި ސެން ޑިއޭގޯގަ އެވެ. އެ އިވެންޓްގައި ފިލްމުގެ ކާސްޓުންނާއި ޑައިރެކްޓަރާއި ޕްރޮޑިއުސަރުން ބައިވެރިވާނެ އެވެ.

ހޮލީވުޑްގެ ވަރުގަދަ އިވެންޓެއްގައި "ޕްރޮޖެކްޓް ކޭ" އިއުލާންކުރަން ފުރުސަތު ލިބުމާ ގުޅިގެން އޭގެ ޓީމްގެ ވަކިވަކި މެމްބަރުން އެކަމުގެ އުފާ ސޯޝަލް މިޑިއާގައި ވެސް ފާޅުކޮށްފައިވެ އެވެ.

އިންޑިއާގެ ސިނަމާ އަށް މުޅިން އާ ރަހައެއް އަދި އިންގިލާބީ ބަދަލެއް ގެނުވައިދޭނެ ކަމަށް ބެލެވޭ މި ފިލްމަކީ ހުރާފީ-ސައިންސް ފިކްޝަން އެކްޝަން ފިލްމެކެވެ. ނާގް އަޝްވިން ޑައިރެކްޓްކުރާ "ޕްރޮޖެކްޓް ކޭ" ކާސްޓްގައި އަމީތާބް ބައްޗަނާއި ކަމަލް ހަސަން އަދި ޑިޝާ ޕަޓާނީ ވެސް ހިމެނެ އެވެ.

ޖުމްލަ 600 ކްރޯޑް ރުޕީސް (73 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާ މި ފިލްމަކީ ޕްރަބާސް އާއި ދީޕިކާގެ ޖޯޑު ބޮޑު ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ. އެ ސަބަބާ ހުރެ ވެސް ފިލްމަށް ވަރަށް ގިނަ ބަޔަކު އަންނަނީ އިންތިޒާކުރަމުންނެވެ.