Last Updated: July 15, 18:06
Wednesday, July 15, 2026
ކުޅިވަރު

ސިކުނޑިއަށް ލޭ އެޅިގެން ވެންޑަސާ އައިސީޔޫގައި

ސިކުނޑި އަށް ލޭ އެޅިގެން މެންޗެސްޓާ ޔުނައިޓެޑަށް ކުރިން ކުޅުނު ނެދަލެންޑްސްގެ ލެޖެންޑަރީ ގޯލްކީޕަރު، އެޑްވިން ވެންޑަސާ އަށް ފަރުވާ ދޭން ފަށައިފި އެވެ.

ވެންޑަސާ ،52، ގެ ހާލަތު ގޯސްވީ ކްރޮއޭޝިއާގައި ޗުއްޓީ ހޭދަކުރަމުންދަނިކޮށެވެ. ވެންޑަސާ އަށް ފަރުވާ ދެމުން އަންނަނީ ކްރޮއޭޝިއާގެ ހޮސްޕިޓަލެއްގަ އެވެ.

ވެންޑަސާގެ ސިކުނޑި އަށް ވަށައިގެން ލޭއެޅިފައިވާއިރު އޭނާ އަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގަ އެވެ. ނަމަވެސް އޭނާގެ ހާލަތު ގޯސް ނޫން ކަމަށް ވެންޑަސާ ކުރިން ކުޅުނު އަޔެކްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ވެންޑަސާ މީގެކުރިން ހުރީ އަޔެކްސްގެ ޗީފް އެގްޒެކެޓިވްގެ މަގާމުގައި ކަމަށްވާއިރު އެ މަގާމުން މިދިޔަ މޭ މަހު އޭނާ ވަނީ ވަކިވެފަ އެވެ. އަޔެކްސްގެ ބޯޑުގެ މަގާމަކާއި ވެންޑަސާ ހަވާލުވީ 2011 ވަނަ އަހަރު ކުޅުން ހުއްޓާލުމަށްފަހު އެވެ.

ޔުނައިޓެޑަށް 266 މެޗު ކުޅެދިން ވެންޑަސާ އަކީ ދުނިޔެ ދުށް އެންމެ މޮޅު ގޯލްކީޕަރުންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ. ވެންޑަސާ ވަނީ ޔުނައިޓެޑާއެކު ޕްރިމިއާ ލީގު ހަތަރު ފަހަރު އަދި ޗެމްޕިއަންސް ލީގެއް ހޯދައިފަ އެވެ.

ވެންޑަސާ ވަނީ ނެދަލޭންޑްސްގެ ގައުމީ ޓީމަށް 130 މެޗު ކުޅެދީފަ އެވެ.