ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާނަކީ ރީތި މީހެއް ނޫން ކަމަށާއި އަދި މާ މޮޅު އެކްޓަރެއް ވެސް ނޫން ކަމަށް ބުނެ ވާހަކަ ދެއްކި ޕާކިސްތާންގެ ބަތަލާއަކަށް އިންޑިއާގެ ފޭނުންތަކެއް ނުރުހުން އަމާޒުވެއްޖެ އެވެ.
ޕާކިސްތާންގެ ޓީވީ ޝޯއެއް ކަމަށްވާ "ހަދު ކަރުދީ" ގައި ވާހަކަ ދައްކަމުން ބަތަލާ މަހްނޫރު ބަލޮޗް، 53، ބުނީ ޝާހްރުކަކީ ރީތި މީހެކޭ ނުބުނެވޭ ކަމަށެވެ. އެކަމަކު އޭނަގެ އަމިއްލަ ޝަހުސިއްޔަތާއި އަމިއްލަ މީހާ ޕްރެޒެންޓްކޮށްދޭ ގޮތުން މީހުންގެ ލޯތްބާއި ސަމާލުކަން ލިބުނީ ކަމަށް ބުންޏެވެ.
"ރީތި މީހެކޭ ބުނާ ވަރުގެ މީހެއް ނޫން އޭނަ އަކީ. އެކަމަކު އޭނަ ޝަހުސިއްޔަތު ޕްރެޒެންޓްކޮށްދޭ ގޮތުން ރީތި ކަމަށް ދައްކަނީ ކަމަށް އަހަރެން ގަބޫލު ކުރަނީ." މަހްނޫރު ބުންޏެވެ.
އޭނަ ބުނި ގޮތުގައި ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 57 އަހަރުގެ އެކްޓަރަކީ ހަގީގަތުގައި އެކްޓްކުރަން އެނގޭ މީހެއް ނޫނެވެ. އަދި އޭނަގެ އެއްވެސް ފިލްމަކުން މިހާތަނަށް އާދަޔާހިލާފު މޮޅު އެކްޓިންއެއް ފެނިފައި ނެތް ކަމަށް ބުންޏެެވެ.
"އަހަރެންގެ ނަޒަރުގައި ޝާހްރުކަކީ އަސްލު އެކްޓްކުރަން އެނގޭ މީހެއް ވެސް ނޫން. އެހެނެއް އޭނަ އަކީ ވަރުގަދަ ވިޔަފާވެރިއެއް،" މަހްނޫރު ބުންޏެވެ. "އެހެންވެ އޭނަ އަށް އެނގޭ އޭނަ މޮޅަށް މާކެޓް ކުރާނެ ގޮތް."
މަހްނޫރުގެ މި ވާހަކަތަކާ ގުޅިގެން ޝާހްރުކްގެ ފޭނުން ވަރަށް ބޮޑަށް ހިތްހަމަނުޖެހިގެން ފާޑުކިޔާފައިވެ އެވެ. އެގޮތުން ޕާކިސްތާނު މީހުން ބުނާ ބަހަކުން، ފާޅުކުރާ ހިޔާލަކުން އިންޑިއާގެ އާޓިސްޓުންނަށް ވާނެ އެއްވެސް ގެއްލުމެއް ނެތް ކަމާއި އެއީ ބޭކާރު ބައެއް ކަމަށް ބުނެފައިވެ އެވެ.