Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

އެމްޕީއެލްގެ ކޮމިއުނިޓީ ފަންޑަށް 49 އެޕްލިކޭޝަން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ "ޕޯޓު ކޮމިއުނިޓީ ފަންޑް" އަށް ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ހުޅުވާލައި މުއްދަތު ހަމަވި އިރު، 49 އެޕްލިކޭޝަން ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މުއްދަތު ހަމަވީ މެއި މަހުގެ 13 އަށެވެ.

މުޖުތަމައަށް ފައިދާ ހުރި އެކި ޕްރޮޖެކްޓުތައް ހިންގަން މާލީ އެހީ ފޯރުކޮށްދިނުމުގެ ގޮތުން އެމްޕީއެލް އިން ހާއްސަ ފަންޑެއް ތައާރަފުކުރީ އެ މަހުގެ ތެރޭގަ އެވެ. އެމްޕީއެލް އިން ބުނީ ލިބުނު 49 އެޕްލިކޭޝަންގެ ތެރެއިން އިވެލުއޭޝަން މަރުހަލާ އަށް ޝަރުތު ހަމަވީ 31 އެޕްލިކޭޝަނެއް ކަމަށެވެ. އެ ކުންފުނިން ބުނި ގޮތުގައި އެންމެ ގިނަ އެޕްލިކޭޝަންތައް ހުށަހެޅީ ޖަމިއްޔާތަކުންނެވެ. އެއީ 27 ޖަމިއްޔާއަކުންނެވެ. ދެން 13 ސްކޫލަކުންނާއި ފަސް ކައުންސިލަކުން އަދި އަމިއްލަ ހަތަރު ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައިވެ އެވެ.

"ޕޯޓު ކޮމިއުނިޓީ ފަންޑް" ގެ ދަށުން ފައިސާ ދޫކުރާނީ އެޕްލިކޭޝަންތައް އިވެލުއޭޓްކުރުމަށް ފަހު އެވެ. އެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

ފަންޑުގެ ދަށުން މުޖުތަމައަށް ފައިދާހުރި އެކި ޕްރޮޖެކްޓުތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދޭ އިރު އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގައި ހިމެނޭ ކަންކަން ހާސިލްކުރަން ހުށަހަޅާ މަޝްރޫއުތަކަށް އިސްކަންދޭކަ ކަމަށް އެމްޕީއެލް އިން ބުންޏެވެ. އެވެ.

ފަންޑުގެ ދަށުން އަހަރަކު 10 މަޝްރޫއަކަށް އެހީދޭނެ އެވެ.އެގޮތުން، ކުދި 8 ޕްރޮޖެކްޓް ހޮވައި ކޮންމެ ޕްރޮޖެކްޓަކަށް 50،000ރ. އަދި ބޮޑު ދެ ޕްރޮޖެކްޓް ހޮވައި ކޮންމެ ޕްރޮޖެކްޓަކަށް 100،000ރ. ދޭނެ އެވެ.