އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމްހުރިއްޔާ މުހައްމަދު ނަޝީދު، ހިތަދޫގައި ހުންނަވާ ގޭގެ ފުރާޅަށް ރޭ ބަޔަކު ގާ އުކައިފިއެވެ.
އެމްޑީޕީގެ އިސް އޮފިޝަލަކު ވިދާޅުވީ ރޭ ދަންވަރު އެކެއް ޖަހާ އެހާކަށް ހާއިރު ނަޝީދު އާއްމު ގޮތެއްގައި ހުންނަވާ "އިއާރައުންޑް" ގޭގެ ފުރާޅަށް ބަޔަކު ގާ އުކި އިރު އެމަނިކުފާން އެގޭގައި ހުންނެވި ކަމަށެވެ. އަދި މި މައްސަލަ ޕޮލިހަށް ހުޅަހަޅާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މި ދިޔަ ހުކުރު ދުވަހު ނަޝީދު އައްޑޫއަށް ޒިޔާރަށް ކުރެއްވުމަށް ފަހު އެރޭ ފޭދޫގައި ބޭއްވި ޖަލްސާއަށް ވެސް ބަޔަކުވަނީ ގާއުކައި، ހަމަ ނުޖެހުން އުފައްދަން މަސައްކަތް ކޮށްފައެވެ. މި ހާދިސާއާއި ގުޅިގެން 16 މީހަކު ހައްޔަރުކޮށް ފަހުން ހުރިހާ އެންމެން ވަނީ ދޫކޮށްލާފައެވެ.
ނަޝީދު ހުންނެވި ގޭގެ ފުރާޅަށް ގާއުކި މައްސަލާގައި މީހަކު ހައްޔަރު ކުރި ކަމެއް އަދި ސާފެއް ނުވެއެވެ.
އެމްޑީޕީން ބުނީ ނަޝީދު އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އަދި ދުވަސްކޮޅަކު އައްޑޫގައި މަޑުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.