Last Updated: July 25, 13:53
Saturday, July 25, 2026
މުނިފޫހިފިލުވުން

"ޕްރޮޖެކްޓް ކޭ" ގައި ހިއްސާވުމަކީ ފަހުރެއް

މި މަހު އެމެރިކާގައި ބާއްވާ އިވެންޓެއްގައި ރަސްމީކޮށް ނަން އިއުލާންކުރާ ފިލްމު "ޕްރޮޖެކްޓް ކޭ" ގައި ހިއްސާވުމަކީ ފަހުރެއް ކަމަށް ބޮލީވުޑްގެ ތަރި އަމީތާބް ބައްޗަން ބުނެފި އެވެ.

މި މަހުގެ 20 އެމެރިކާގެ ސެން ޑިއޭގޯގައި ބާއްވާ ކޮމިކް-ކޮން އިވެންޓްގައި އެ ފިލްމުގެ ރަސްމީ ނަމާއި ރިލީޒްކުރާ ތާރީހުގެ އިތުރުން ޓީޒާ ދައްކައިލަން ހަމަޖެހިފައިވާތީ އަމީތާބް ސޯޝަލް މީޑިއާގައި ބުނީ ތެލެގޫ ސިނަމާ އިން ގެނެސްދޭ "ޕްރޮޖެކްޓް ކޭ" ހިއްސާވުމަކީ ވަރަށް ބޮޑު ފަހުރެއް، ޝަރަފެއް ކަމަށެވެ. އަދި "އައިޑޮލްއެއް" ގެ ގޮތުގައި ދެކޭ ޕްރަބާސްއާ އެކީ ސްކްރީން ހިއްސާކުރަން ލިބުމަކީ ވެސް ފަހުރެއް ކަމަށް އަމީތާބް ބުންޏެވެ.

ޕްރަބާސް އަކީ "ބާހްބަލީ" ކުޅެގެން ބޮޑު މަޝްހޫރު ކަމެއް ހޯދި ތަރިއެކެވެ.

އަންނަ އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ޕްރޮޖެކްޓް ކޭ" ގެ ބަތަލާ އަކީ ދީޕިކާ ޕަދްކޯނެވެ. އަދި މީގެ ކާސްޓްގައި ކަމަލް ހަސަނާއި ޑިޝާ ޕަޓާނީ ވެސް ހިމެނެ އެވެ.

ޖުމްލަ 600 ކްރޯޑް ރުޕީސް (73 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާ މި ފިލްމަކީ ނާގް އިޝްވިން ޑައިރެކްޓްކުރާ ހުރާފީ-ސައިންސް ފިކްޝަން އެކްޝަން ފިލްމެކެވެ.