އައްޑޫ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ ގެސްޓް ހައުސް ވެންޗާގެ ފުރަތަމަ އެއްބަސް ވުމުގައި، އިންޑިއާގެ ކުންފުންޏަކާއި އެކު މިއަދު ކައުންސިލުން ސޮއިކޮށްފިއެވެ.
އައްޑޫގެ ބިންވެރިކަމާއި ގުޅުވައިގެން ގެސްޓް ހައުސް ތަރައްޤީކުރުމަށް ހުޅުވާލި ފުރުސަތުގައި ބޭރުގެ 3 ފަރާތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.
އެގޮތުން މިއަދު ސޮއިކޮށްފައިވަނީ އިންޑިއާގެ "އެސްޖީ 18 ރިއަލީ" ކުންފުންޏާއި އެކުއެވެ. މި ކުންފުންޏަކީ އިންޑިއާގެ ބިޔަ ކުންފުނި ޓާޓާ އާއި އެކު ދިވެހި ރާއްޖޭގައި ހައުސިން ޔުނިޓް އެޅުމަށް ޕާޓްނާ ވެފައިވާ ކުންފުންޏެއްކަމަށް އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ހިންދޫ" އިން މައުލޫމާތު ދެއެވެ.
އައްޑޫ ސިޓީ ކައުންސިލްގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެސްޖީ 18 ރިއަލިޓީ ކުންފުނީގެ އިސް ވެރިންވަނީ ބައިވެރިވެފައެވެ.
ކައުންސިލުން މިއަދު ބުނީ އެސްޖީ 18 އިން ހިތަދޫ މާމެންދޫގެ 17 ބިމަކާއި، މަރަދޫން 10 ބިމަކާއި، މަރަދޫފޭދޫގެ 2 ބިމެއްގައި ގެސްޓް ހައުސް ތަރައްޤީ ކުރާނެކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލުން ދަޏި ކުރިއަށް އޮތް ދޮޅު އަހަރުތެރޭ އައްޑޫގައި 2000 އެނދު ތަރައްޤީ ކުރުމަށް ނިންމާފައެވެ. އެގޮތުން ބޭރުގެ އަނެއް ދެ ކުންފުންޏާއި އެކު ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭ އެއްބަސްވުން ގާއިމް ކުރެވޭ ވަރުވާނެ ކަމަށް ކައުންސިލުން ބުނެއެވެ.