Last Updated: June 7, 13:32
Sunday, June 7, 2026
ޚަބަރު

"ގޯތި ލިބޭ" މީހުންނާ އެކީ ޖޮއިންޓް އެޕްލިކޭޝަން ހެދޭނެ

ބިންވެރިޔާ ސްކީމުގައި އެހެން ފަރާތަކާއި ގުޅިގެން ބިން ލިބޭގޮތަށް ފުރުސަތު އޮތް ފަރާތްތަކަށް، ލިސްޓުގައި ގޯތި ލިބޭ ކަމަށް ޖަހާފައިވާ ފަރާތަކާއި ގުޅިގެންވެސް ފޯމު ހުށަހެޅޭ ގޮތަށް ސަރުކާރުން ހަދައިފިއެވެ.

މިކަމާއި ގުޅިގެން ޕްލޭނިންގް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނީ، މާލެ ސަރަޙައްދުން ގޯތި ދޫކުރުމަށް ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓްގައި ހިމެނޭ، "ޝަރުތުހަމަވޭ ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުޞަތު އޮތް" ފަރާތްތަކުން އެލިސްޓްގައި ހިމެނޭ "ގޯތި ލިބޭ" ފަރާތްތަކާވެސް ޖޮއިންޓްވުމުގެ ފުރުޞަތު ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. މީގެ ކުރިން މިގޮތަށް ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅޭނީ، ހަމަ އެކަނި "ޝަރުތުހަމަވޭ ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުޞަތު އޮތް" ފަރާތްތަކާއި އެކު އެކަނިއެވެ.

ނަމަވެސް ސަރުކާރުން ގެނައި މި ބަދަލާއިއެކު، މިހާރު ލިސްޓުގައި ގޯތި ލިބިފައިވާ ކަމަށް އޮތް ފަރާތްތަކާއި ގުޅިގެން ވެސް ފޯމު ހުށަހަޅައި ގޯތި ނުލިބި ޝަރުތު ހަމަވާ ފަރާތްތަކަށް އެ ފުރުސަތު ލިބިގެން ދާނެއެވެ. މިއާއެކު ގޯތި ލިބޭ ފަރާތާއި ޖޮއިންޓްކޮށް ހުށަހައަޅައިގެން ލިބޭނެ ކަމަށް ޖަހާފައިވާ ފަރާތަކީ ކޮންމެހެން އެއް ގޭބީސީއަކަށް ނިސްބަތްވާ މީހުންނަށް ވާން ނުޖެހެއެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މިގޮތަށް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ގޯތި ލިބޭ ލީޑް އެޕްލިކެންޓަށް ގެދޮރުވެރިން މެދުރިކޮށް ރިކުއެސްޓް ފޮނުވަން ޖެހެއެވެ. އަދި މިމަހުގެ 15 ވަނަ ދުވަހު ރޭގަނޑު 11:59 ކުރިން ލީޑް އެޕްލިކެންޓު ރިކުއެސްޓު ކުރުމުން ފޯމް ބަލައިގަންނާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި 23،088 މީހުން، 15،164 އެޕްލިކޭޝަން ހުށައަޅާފައިވެ އެވެ. ވަކިން ހުށަހެޅި މީހުންނާއި ޖޮއިންޓް ފޯމު ހުށަހެޅި މީހުންނާއެކު ލިސްޓްގައި ގޯތި 10،314 ލިބޭ ކަމަށް ހިމެނެއެވެ.