Last Updated: July 15, 18:06
Wednesday, July 15, 2026
ކުޅިވަރު

21 އިން ދަށުގެ ޔޫރޯ ޗެމްޕިއަނަކަށް އިންގްލެންޑް

ސްޕެއިން 1-0 އިން ބަލިކޮށް ޔޫއެފާ ޔޫރަޕިއަން 21 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން އިންގްލެންޑުން ހޯދައިފި އެވެ.

މިއީ 1984 ވަނަ އަހަރަށް ފަހު އިންގްލެންޑުން މި މުބާރާތް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ އިންގްލެންޑުގެ ތާރީހުގައި މި މުބާރާތް ކާމިޔާބު ކުރި ތިންވަނަ ފަހަރެވެ. އިންގްލެންޑުން ވަނީ 1982 އަދި 1984 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު އިންގްލެންޑަށް މެޗުގެ ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ މެންޗެސްޓާ ސިޓީގެ ޒުވާން ފޯވާޑް ކޯލް ޕާމާ އެވެ. ޕާމާ ފޮނުވާލި ހިލޭޖެހުން ގޯލަށް ވަދެފައިވަނީ ފާރަށް އެތުރިގެން ތިބި ސްޕެއިންގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފަ އެވެ.

ދެވަނަ ހާފްގައި ސްޕެއިނުން ރަނގަޅަށް ކުޅެ އިންގްލެންޑްގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރަމުންދިޔައިރު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ނަތީޖާ އެއްވަރުކޮށްލަން އެޓީމަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިގެން ގޮސްފަ އެވެ. ނަމަވެސް ސްޕެއިންގެ އަބެލް ރުއިޒް ފޮނުވާލި ޕެނަލްޓީ މަތަކުރީ އިންގްލެންޑްގެ ކީޕަރު ޖޭމްސް ޓްރެފޯޑް އެވެ.

މުބާރާތުގެ ޗެމްޕިއަންކަން އިންގްލެންޑުން ހޯދިއިރު އެޓީމު ކޮޅަށް މި މުބާރާތުގައި އެންމެ ގޯލެއް ވެސް ވަދެފައެއް ނުވެ އެވެ. މިއީ މި މުބާރާތުގެ ރެކޯޑެކެވެ.