އައްޑޫސިޓީގެ ގޯތި ދޫކުރުމަށް ހުޅުވާލި ފުރުސަތުގައި ފޯމުތައް އަދިވެސް އިވެލުއޭޓް ކުރަމުންދާ ކަމަށާއި، މިހާރު މަސައްކަތް ކުރަނީ މިމަސް ނިމުމުގެ ކުރިން އިއުލާން ކުރުމަށް ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެފިއެވެ.
އައްޑޫއިން 1000 އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލި މިއަހަރުގެ ފެބްރުއަރީ މަހު އެވެ. އަދި މާރިޗު 5 ވަނަ ދުވަހަށް ފޯމު ބަލައިގަތުން ހުއްޓާލާފައިވާއިރު، މިހާރު ގިނަ ބަޔަކު އިންތިޒާރު ކުރަމުންދަނީ ގޯތި ލިބޭ ފަރާތުގެ ލިސްޓަށެވެ. އިއުލާން ކުރިތާ 4 މަސް ވެގެން ގޮސްފައިވާއިރު އަދި މިހާތަނަށް ކައުންސިލުން ގޯތި ލިބޭ ފަރާތްތައް އިއުލާންކޮށްފައި ނުވެއެވެ. އަދި މިމަސައްކަތަށް ގިނަ ދުވަސްވަމުންދާތީ އެކަމުގައި އާންމުންގެ ޝަކުވާތައް ވެސް އެބަހުއްޓެވެ.
މިކަމާއި ގުޅޭ ގޮތުން އައްޑޫލައިވް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކައުންސިލުގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޝުއާއު ވިދާޅުވީ، ޖުލައިގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އިވެލުއޭޝަން މަރުހަލާ ކުރިއަށްދަނީ. މިދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން، ނިންމާ ލިސްޓު ޝާއިއު ކުރަން. މި ބަލަނީ ޖުލައި މަސް ނިމުމުގެ ކުރިން ކުރެވޭތޯ " ޝުއާއު ވިދާޅުވިއެވެ.

ޝުއާއު މިހެން ވިދާޅުވި ނަމަވެސް މިދިޔަ މޭއި މަހު މޭޔަރ އަލީ ނިޒާރުވެސް ވަނީ ޖޫން މަހު އިއުލާން ކުރެވޭނެ ކަމަށް ބުނެފައެވެ. އަދި ލިސްޓު ޝާއިއު ކުރުން ލަސްވަނީ ބަލަން ޖެހޭ ގިނަ ކަންކަން ހުރުމުން ކަމަށް ކައުންސިލުން ބުނެއެވެ.
އައްޑޫއިން 1000 ބަންޑާރަ ގޯތި ދޫކުރުމަށް އިއުލާން ކުރިއެވެ. އެއީ ހިތަދޫއިން 500 ގޯތި، ފޭދޫއިން 300 ގޯތި، ހުޅުދޫ އިން 100 އަދި މީދޫއިން 100 ގޯތިއެވެ. މިއިން ކޮންމެ އަވަށަކުން 90 އިންސައްތަ ގޯތި ދިނުމަށް ހަމަޖެހިފައިވަނީ އެ އަވަށެއްގައި ދިރިއުޅޭ އެ އަވަށަކަށް ނިސްބަތްވާ ފަރާތްތަކަށެވެ. އަދި ބާކީ 10 އިންސައްތަ ގޯއްޗަކީ، އައްޑޫގެ އެހެން އަވަށްތަކުން އެއަވަށަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް ދޭ ގޯއްޗެވެ.
ސިޓީ ކައުންސިލުން ބުނީ، ހުރިހާ ލިސްޓެއް އެއްކޮށް ޝާއިއު ކުރުމުގެ ބަދަލުގައި އިވެލުއޭޝަން މަސައްކަތް ނިމުނުހާ އަވަހަކަށް އެ އަވަށެއްގެ ލިސްޓު ޝާއިއު ކުރާނެ ކަމަށެވެ.