Last Updated: July 25, 13:53
Saturday, July 25, 2026
މުނިފޫހިފިލުވުން

ޝާހްރުކްގެ "ޖަވާން" ގެ ޓީޒާ މާދަމާ

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ޝާހްރުކް ޚާންގެ އާ ފިލްމު "ޖަވާން" ގެ ޓީޒާ ޓްރެއިލާ މާދަމާ ބެލުންތެރިންނަށް ދޫކޮށްލާނެކަން އިއުލާންކޮށްފި އެވެ.

މިކަން ޝާހްރުކް ސޯޝަލް މީޑިއާގައި ހިއްސާކޮށް ބުނީ ޓީޒާ ދައްކައިލާނީ މާދަމާ ހެނދުނު ރާއްޖެ ގަޑިން 10:00 ގައި ކަމަށެވެ.

"ޖަވާން" މި އަހަރުގެ ސެޕްޓެމްބަރު 7 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް އެކްޝަން ތުރިލާއެކެވެ. ޝާހްރުކް ޑަބަލް ރޯލަކުން ފެންނާނެ މި ފިލްމަކީ ތަމަޅަ ޑައިރެކްޓަރު އެޓްލީ ހަދާފައިވާ އެއްޗެކެވެ. އަދި ފިލްމުގެ ކާސްޓަކީ ވެސް ބޮލީވުޑާއި އިންޑިއާގެ ދެކުނުގެ ތަރިންތަކެއްގެ މަސްހުނި ކާސްޓެއް ފެންނާނެ އެއްޗެކެވެ.

"ޖަވާން" ގެ ލީޑް ބަތަލާ އަކީ ދެކުނު މަޝްހޫރު ތަރި ނަޔަންތަރާ އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ސާނިއާ މަލްއުތުރާ، ސުނިލް ގްރޯވާ، ވިޖޭ ސެތުޕަތީ، ޕްރިޔާމަނީ، ޔޯގީ ބާބޫ، ރިދިމާ ޑޮގްރާ އަދި އާސްތާ އަގަރްވާލް ހިމެނެ އެވެ. މީގެ އިތުރުން ފިލްމުގެ ހާއްސަ ފެނިލުންތަކުން ސަންޖޭ ދަތާއި ދީޕިކާ ޕަދްކޯންގެ އިތުރުން ތަމަޅަ އެކްޓަރު ވިޖޭ ވެސް ފެންނާނެ އެވެ.

"ޖަވާން" އަކީ ޖެނުއަރީގައި ރިލީޒްކޮށް، ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދި "ޕަތާން" އަށް ފަހު، ރިލީޒްވާ ޝާހްރުކްގެ ދެވަނަ ފިލްމަށްވާތީ މިއަށް ކުރެވޭ އުންމީދުތައް ވަރަށް ބޮޑެވެ. ގިނަ ބަޔަކު ލަފާކުރަނީ މިއީ "ޕަތާން" ގެ ރެކޯޑްތައް މުގުރައިލާ ވަރުގެ ފިލްމަކަށް ވާނެ ކަމަށެވެ.