Last Updated: July 25, 13:53
Saturday, July 25, 2026
މުނިފޫހިފިލުވުން

އެލްޓަން ޖޯން ޓުއާތަކަށް އަލްވަދާއު ކިޔައިފި

އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެލްޓަން ޖޯން 50 އަހަރު ފަހުން ލައިން ޝޯތައް ދިނުން ހުއްޓާލައިފި އެވެ.

އޭނަގެ އެންމެ ފަހު ޝޯ އޮތީ ރޭގަ އެވެ. އޭނަގެ "ފެއާވެލް ޔެލޯ ބްރިކް ރޯޑް" ޓުއާ ރޭ ނިންމާލައި، ޓުއާތަކަށް އަލްވަދާއު ކީ އިރު، ވަދާއީ ޓުއާ ފެށީ ސެޕްޓެމްބަރު 8، 2018 ގަ އެވެ. އަދި ރޭ، ވަދާއީ ޓުއާ ނިންމައިލި އިރު، ނުވަ ލެގަށް ދެމިގެން ދިޔަ ޓުއާގެ ތެރެއިން 330 ޝޯ ދީފައިވެ އެވެ.

ވަދާއީ ޓުއާ ނިންމައިލީ ސްވިޑްން ސްޓޮކްހޯމްގެ ޓެލެ2 އެރީނާއިންނެވެ. ޓުއާތަކުން ރިޓަޔާކުރި ވާހަކަ އެލްޓަން އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ.

"ކޯލްޑް ހާޓް"" ފަދަ މަގުބޫލުތައް އެތައް ލަވައެއް ކިޔައި، މިއުޒިކީ ދާއިރާ އިން އެތައް ކާމިޔާބީއެއް ހޯދާފައިވާ 76 އަހަރުގެ ފަންނާނު ދެން ޓުއާތަކަށް ނުނިކުތް ނަމަވެސް އަމިއްލަ މިއުޒިކީ މަސައްކަތްތައް ކުރާނެ އެވެ. އެލްޓަން ބުނެފައިވާ ގޮތުގައި އޭނަ ދެން އެންމެ ބޮޑަށް ވަގުތު ދޭން ބޭނުން ވަނީ އާއިލާއަށެވެ.

އޭނަ މިހާތަނަށް 31 އަލްބަމް ނެރެފައިވެ އެވެ. އެގޮތުން އެންމެ ފަހުން ނެރުނު އަލްބަމަކީ 2021 ގެ "ރެޖިމެންޓަލް ސާޖަންޓް، ޒިޕޯ" އެވެ. އެލްޓަންގެ ފުރަތަމަ އަލްބަމަކީ 1969 ގެ "އެމްޓީ ސްކައި" އެވެ.

އޭނަ އަށް ބިނާކޮށް 2019 ގައި ހޮލީވުޑުން "ރޮކެޓްމޭން" ގެ ނަމުގައި ފިލްމެއް ވެސް ނެރެފައިވެ އެވެ.