އަންނަ މަހު އޮލިމްޕަހަށް ގެންނަ ފިލްމު "ނީނާ" ގެ ރަސްމީ ޓްރެއިލާ މި މަހުގެ 15 ގައި ދައްކައިލަން ނިންމައިފި އެވެ.
އައި ފިލްމްސް ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަކީ އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ކްރައިމް ތުރިލާއެކެވެ. މި އަހަރުގެ އެންމެ އުންމީދީ ދިވެހި ފިލްމުތަކުގެ ތެރޭގައި "ނީނާ" ގެ ޓައިޓްލް ރޯލު ކުޅެފައި ވަނީ އޭނަ 2019 ގައި ގެނެސްދިން ސައިކޮލޮޖޮކަލް ތުރިލާ "ބަވަތި" ގެ ވެސް ބަތަލާ ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ.
އަންނަ މަހުގެ 6 ގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ "ނީނާ" ގެ ކާސްޓްގައި ޝަރަފު އަބްދުﷲ، މަރިޔަމް ޝަކީލާ، ހަމްދޫން ފާރޫގް، ނަތާޝާ ޖަލީލު އަދި ކުރީގެ ބަތަލާ މަރިޔަމް ރަޝީދާ ހިމެނެ އެވެ. މި ފިލްމުގެ ބޮޑު ބައި ޝޫޓްކޮށްފައި ވަނީ ލ. އަތޮޅުގަ އެވެ.
"ނީނާ" ގެ ޓްރެއިލާ 15 ގައި އާންމުންނަށް ދޫކޮށްލާ އިރު، ފިލްމުގެ ދެ ޓީޒާއަކާއި ޕްރޮމޯޝަނަލް ލަވަ އޮތީ ކުރިން ދައްކާލައިފަ އެވެ.