Last Updated: July 18, 17:34
Saturday, July 18, 2026
މުނިފޫހިފިލުވުން

"ޓައިޓޭނިކް" ގެ ޑައިރެކްޓަރުގެ ގެއެއް ވިއްކާލަނީ

"ޓައިޓޭނިކް" އާއި "އެވަޓާ" ފަދަ މޮޑެތި އަދި ކާމިޔާބު ފިލްމުތައް ގެނެސްދިން ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ޖޭމްސްގެ ކެމަރޮންގެ އަގުބޮޑު ގެއެއް ވިއްކައިލަން ލިސްޓްކޮށްފި އެވެ.

އެމެރިކާގެ ކެލިފޯނިއާގެ ހޮލިސްޓާ ރާންޗް ކޮމިނިއުޓީގައި މި ހުރި ލަގްޒަރީ ގެ 33 މިލިއަން ޑޮލަރަކަށް ވިއްކައިލަން ލިސްޓްކޮށްފައި ވަނީ ހޮލިސްޓާ ރާންޗް ރިއަލްޓީގަ އެވެ. މި ގެ އަކީ 102 ހެކްޓަރުގެ ބިމެއްގައި ހުރި ފަސް ކޮޓަރި އާއި ހަ ފާހާނާ އެކުލެވޭ ގެއެކެވެ. ހަވާއީ ސްޓައިލްގެ ކުޑަވަރެއްގެ ރިސޯޓެއްގެ ގޮތުގައި ސިފަކުރެވޭ ގޭގައި 2،000 އަކަފޫޓްގެ ހެސްޓްހައުސްއަކާއި ބޮޑު ސްވިމިން ޕޫލެއް ވެސް ހިމެނެ އެވެ.

މި ގެ ވިއްކައިލުމާ ބެހޭ ގޮތުން ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިއުއެސްޖޭ) އަށް ކެމެރޮން ބުނީ ގެ ވިއްކައިލަން ނިންމީ އޭނަ އާއި ސުޒީ ކެމެރޮން މިހާރު އާންމުކޮށް ދިރިއުޅެނީ ނިއު ޒީލެންޑްގައި ކަމަށްވާތީ ކަމަށެވެ.

"އެހެންވެ އެ ގޭގެ ބޭނުން މިހާރު އަހަރެމެންނަށް ކުޑަ. އެ ސަބަބާ ހުރެ މި ދަނޑިވަޅުގައި ގެ އެހެން ބަޔަކަށް ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކޭތީ ގެ ވިއްކައިލަނީ." މިދިޔަ "އެވަޓާ 2" ގެނެސްދިން ޑައިރެކްޓަރު ބުންޏެވެ.

މިހާރު 33 މިލިއަން ޑޮލަރަށް ވިއްކަން ގެ ލިސްޓްކުރި އިރު، މިގެ 1990 ގައި ކެމެރޮން ގަތީ 4.3 މިލިއަން ޑޮލަރަށެވެ.