Last Updated: June 7, 13:32
Sunday, June 7, 2026
ޚަބަރު

އައްޑޫގައި އެކްސިޑެންޓްވި މީހަކު މާލެ ފޮނުވަނީ

އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ސަރަހައްދު މަތިން ފެންނަ ގޮތް. ފޮޓޯ/ އާތިފް (ހަމިއްޓޭޒް)

ރޭ އައްޑޫސިޓީ މަރަދޫ-ފޭދޫގައި ހިނގި އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 55 އަހަރުގެ މީހާ މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.

ރޭ 7 ޖަހައި އެހައިކަށްހާއިރު ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 55 އަހަރުގެ ފިރިހެނަކަށާއި އުމުރުން 16 އަހަރު ފިރިހެން ކުއްޖަކަށެވެ. އެކްސިޑެންޓާއި ގުޅޭ މައުލޫމާތު އެނގޭ ފަރާތަކުން އައްޑޫލައިވްއާއި ހިއްސާ ކުރި ގޮތުގައި އެކްސިޑެންޓު ހިނގަން މެދުވެރިވީ، ފޭދޫ ކޮޅުން ބާރަށް ދުއްވާފައިވާ އައި ސައިކަލެއް ކޮންޓްރޯލު ނުވެ ޖެހިގެންނެވެ.

ހާދިސާ ހިނގާފައިވަނީ މަރަދޫ-ފޭދޫ ހުކުރު މިސްކިތް ކައިރިން ބޮޑު މަގުންނެވެ. ބާރަށް ދުއްވާފައި އައި ސައިކަލުގައި އިނީ 16 އަހަރުގެ ލައިސެންސް ވެސް ނެތް ކުއްޖެއް ކަމަށް މަންޒަރު ދުށް ބައެއް ފަރާތްތަކުން މައުލޫމާތު ދެއެވެ.

މި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 55 އަހަރު މީހާގެ މޫނުމައްޗަށް ވަރަށް ބޮޑަށް އަނިޔާވެފައިވާއިރު، ބައެއް ކަށިތަށްވެސް މޫނުމަތިން ވަނީ ބިންދައިގެން ގޮސް ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. އެހެން ކަމުން އިތުރު ފަރުވާއަށް އޭނާ މާލެ ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް މައުލޫމާތު ދެއެވެ. މި އެކްސިޑެންޓުގައި ދެން އަނިޔާވި 16 އަހަރުގެ ކުއްޖާގެ ވެސް މޫނުމައްޗަށް އަނިޔާވެފައި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

މިފަހަކަށް އައިސް އައްޑޫގައި މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓުތައް އަންނަނީ އަނެއްކާވެސް އިތުރުވަމުންނެވެ. މިހާރު ޤާނޫނަށް ގެނެސްފައިވާ އިސްލާހާއިއެކު ލައިސެންސް ނެތި ދުއްވާ ނަމަ، އުޅަނދު ހިފަހައްޓައެވެ. އަދި އުޅަނދުގެ ވެރިފަރާތް އަދި ދުއްވި ފަރާތްވެސް ޖޫރިމަނާ ކުރެއެވެ.