އަންނަ ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު އިންތިހާބަށް ނިކުންނާނީ 90،000 ރެޖިސްޓަރޑް މެންބަރުންނާއި އެކު ކަމަށް ރައީސުލްޖުމުހޫއްރީއްޔާ އިބްރާޙިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ސާލިޙް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ށ. އަތޮޅަށް ކުރައްވަމުންދާ ކެމްޕެއިންގެ ދަތުރުގެ ތެރެއިން މިއަދު މެނދުރު ވަނީ ށ. މަރޮށި އަށް ވަޑައިގެންފައެވެ. އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ، މިފަހަރު އިންތިހާބަށް ނިކުންނަނީ އެންމެ ބޮޑު ކޯލިޝަނާއި އެކުކަން ތަކުރާރު ކުރައްވާފައެވެ.
އަދާލަތު ޕާޓީ އާއި މޯލްޑިވްސް ޑިމޮކްރެކްޓިކް އެލައެންސް، އެމްޑީއޭއިން އެމްޑީޕީއާއި އެކު މިވަގުތު ކޯލިޝަނުގައި މަސައްކަތް ކުރަމުންދާއިރު، މި ތިން ޕާޓީގެ ޖުމްލަ މެންބަރުން އަދަދު ބޮޑެވެ.
" 77،700 އަށް ވުރެ ގިނަ މެންބަރުން މިއަދު އަޅުގަނޑުމެންގެ ކޯލިޝަނުގައި އެބަތިބި. ރެޖިސްޓަރ މެންބަރުން އެއީ. އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި މި 90،000 އަށް އިތުރު ކުރުން. އިންތިހާބަށް 9 ސެޕްޓެމްބަރަށް އަންނައިރު އިރާދަ ކުރެއްވިއްޔާ މި ކޯލިޝަނުގައި ރެޖިސްޓަރޑް 90،000 މެންބަރުންނަށް އަޅުގަނޑުމެން ފުރުސަތު ދޭނަން " ރައީސް ވިދާޅުވިއެވެ.
އިލެކްޝަން ކޮމިޝަނުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެމްޑީޕީގައި 58،035 މެންބަރުން އެބަތިއްބެވެ. އަދާލަތު ޕާޓީގައި 9،595 މެންބަރު ތިބިއިރު، އެމްޑީއޭގައި 10،227 މެންބަރުން އެބަތިއްބެވެ. ޖުމްލަ 77،857 މެންބަރުން ތިބި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.