Last Updated: June 7, 13:32
Sunday, June 7, 2026
ޚަބަރު

ސީރިއާގައި ތިބި މީހުން އޯގަސްޓުގެ ނިޔަލަށް ގެންނަނީ

ށ. ކޮމަންޑޫގައި ރައީސް ސާލިޙް ވާހަކަ ދައްކަވަނީ / ފޮޓޯ: އެމްޑީޕީ

ސީރިއާގައި ތިބި އެކަނިވެރިން މައިންނާއި ކުދިން މިއަންނަ އޯގަސްޓުގެ ނިޔަލަށް ރާއްޖެ ގެންނާނެ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޙާބުގެ ކެމްޕެއިނަށް މިވަގުތު ށ. އަތޮޅަށް ވަޑައިގެންފައިވާ ރައީސް ސާލިހް މިހެން ވިދާޅުވީ، ށ. ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މީގެ ކުރިން ސަރުކާރުތަކުން ރާއްޖޭގައި ހަރުކަށި ފިކުރުގެ ފަރާތްތައް ތިބި ކަމަށްވެސް ޤަބޫލު ނުކުރާ ކަމަށެވެ. ނަމަވެސް އެމަނިކުފާނު ވެރިކަމާއި ހަވާލުވެ ބެއްލެވިއިރު އެތައް ބަޔަކު ފާހަގަ ވެފައިވާ ކަމަށް ވިދާޅުވިއެވެ.

"މިއަދު އައިސް އެހިސާބު ބެލިއިރުގައި، 70 އަށް ވުރެ ގިނަ މީހުން ސީރިއާގައި އަމިއްލައަށް މަރުވެއްޖެ ހަނގުރާމައިގައި. 100 އަށް ވުރެ ގިނަ މީހުން ހަނގުރާމަ މަތީގައި. " ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު ދަނީ އެތަނުގައި އެކަނިވެރިވެފައި ތިބި ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ކަމަށެވެ. އަދި މިކަން ކުރިއަށް އޮތް މަހުގެ ނިޔަލަށް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

" މިއަދު އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަކީ އެތާ އެކަނިވެރިވެފައި ތިބި މަންމައިންނާއި ކުޑަކުދިން ރާއްޖެ ގެނައުމުގެ މަސައްކަތް. އިރާދަ ކުރެއްވިޔާ ކުރިއަށް މިއޮތް އޮގަސްޓް މަސް ނިމެންވާއިރަށް އެ އާއިލާތައް ރާއްޖެ ގެނެސްދޭނަން. " ރައީސް ވިދާޅުވިއެވެ.

ސަރުކާރުން މީގެ ކުރިންވެސް ސީރިއާގައި ތިބި ބައެއް ދިވެހިން ރާއްޖެ ގެނެސްފައިވެއެވެ. އެގޮތުން ގެނައި އައިލާގެ ކުދިންގެ ޑީއެންއޭ ހަދައި، ރަށްވެހިކަން ދީފައިވާއިރު، އެ އެއާއިލާތަށް އަނބުރާ މުޖުތަމަޢުއަަށް ނެރުމަށް ރިހެބިލިޓޭޝަން ޕްރޮގްރާމެއްވެސް ކުރިއަށް ގެންދެވިއެވެ.