އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓަރު މޯހިތު މަލިކްގެ އާ ސިލްސިލާއެއް ސްޓާ ޕްލަސް އަންނަން ތައްޔާރުވެއްޖެ އެވެ.
މި ސިލްސިލާގެ ޕްރޮމޯއެއް ވެސް މިހާރު ދައްކަމުން އަންނަ އިރު، މީގެ ނަމަކީ "ބާތޭ ކުޗް އަންކަހީ ސީ" އެވެ. މޯހިތާ އެކީ މީގެ ބަތަލާގެ ރޯލުން ފެންނާނީ ސޭލީ ސަލުންކީ އެވެ.
"ބާތޭ ކުޗް އަންކަހީ ސީ" އަކީ ސްޓާ ޕްލަސް އިން މިހާރު ގެނެސްދޭ މަގުބޫލު ސިލްސިލާތައް ކަމަށްވާ "އަނޫޕަމާ" އާއި "ޔޭ ރިޝްތާ ކިޔާ ކެހެލާތާ" ވެސް ގެނެސްދޭ ޕްރޮޑިއުސަރު ރަޖަން ޝާހީގެ ޕްރޮޑަކްޝަން ހައުސްއިން ގެނެސްދޭ އެއްޗެކެވެ. ނަމަވެސް އާ ސިލްސިލާ ޕްރީމިއާކުރާނެ ވަކި ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ.
މޯހިތު އެންމެ ފަހުން ކުޅުނީ ވެސް ސްޓާ ޕްލަސްގެ ސިލްސިލާއެކެކެވެ. އެއީ 2020-2021 އަށް ގެނެސްދިން "ލޮކްޑައުން ކީ ލަވް ސްޓޯރީ" އެވެ. އޭނަ ކުޅުނު ސިލްސިލާތަކުގެ ތެރޭގައި އެ ޗެނެލްގެ "ކުލްފީ ކުމާރު ބަޖޭވާލާ" އާއި ޒީޓީވީގެ "ޑޯލީ އަރުމާން ކީ" އަދި ކަލާސްގެ "ޕުލްވާ" ހިމެނެ އެވެ.
މޯހިތު އަލުން ޓީވީ ސިލްސިލާއަކުން ބެލުންތެރިންނާ ބައްދަލު ކުރަން ތައްޔާރުވާ އިރު، އޭނަ އަށް ބޮލީވުޑްގެ ފިލްމަކުން ވެސް ފުރުސަތު ލިބިފައިވާ ކަމަށް މިދިޔަ މަހު މީޑިއާތަކުން ބުނެފައިވެ އެވެ. އެ ފިލްމަކީ ރަވީނާ ޓަންޑަންގެ ދަރިފުޅު ރަޝާ ތަޑާނީ އާއި އަޖޭ ދޭވްގަނަށް ބޮޑުބޭބެ ކިިޔާ އާމަން ދޭވްގަން، ބޮލީވުޑަށް ތައާރަފުކުރަން ޑައިރެކްޓަރު އަބީޝެކް ކަޕޫރް ހަދާ އެކްޝަން އެޑްވެންޗާ ފިލްމުންނެވެ.
މިދިޔަ އަހަރު "ޗަންދީގަޅް ކަރޭ އާޝިގީ" ގެނެސްދިން ޑައިރެކްޓަރުގެ މި ފިލްމުގެ ކާސްޓްގައި އަޖޭ އާއި ޑަޔާނާ ޕެންޓީ ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.