މިއަދު ދިވެހި ފުލުހުންނަކީ ވަކި މީހަކު އަންގައިގެން ވަގި ގޮތަކަށް ކަންކަން ކުރަންޖެހޭ ވަރަށް ވުރެ އެތައް ގޮތަކުން މިނިވަން ބައެއް ކަމަށް ދެކުނު ޑިވިޝަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވެއްޖެއެވެ.
އެމްޑީޕީން އައްޑޫގައި ކުރިއަށް ގެންދިޔަ ޖަލްސާއަކަށް މޫނު ނިވާކޮށްގެން ވަދެ ހަމަ ނުޖެހުން އުފައްދަން މަސައްކަތް ކުރި ބަޔަކު ފުލުހުން ދޫކޮށްލުމުން، ފުލުސް އިދާރާއަށް ބޮޑެތި ފާޑު ކިއުންތައް އަމާޒުވެފައިވާ ދަޑިވަޅެއްގައި ޝިފާން ވިދާޅުވީ ފުލުހުންނަކީ އެތައް ގޮތަކުން މިނިވަން ބައެއް ކަމަށާއި، އެހެންވެ އެކަމަށްޓަކައި އިންތިހާއަށް ފަހްރުވެރިވާ ކަމަށެވެ.

އެމްޑީޕީގެ ޖަލްސާއަށް ހުރަސް އަޅައި، ހުކުރު ދުވަހުގެ ރޭ އެމްޑީޕީ ހިތަދޫ ދެކުނު ދާއިރާގެ އޮފީސް އަންދާލުމަށް ފަހު އާދީއްތަ ދުވަހުގެ ރޭ ރައީސް ނަޝީދު އައްޑޫގައި ހުންނެވި ގޭގެ ފުރާޅަށް ބަޔަކު ވަނީ ގާއުކާފައެވެ.
އައްޑޫގައި ހަމަ ނުޖެހުން ބޮޑުވެފައިވާ އިރު އެމްޑީޕީ ޖަލްސާއަށް ހުރަސް އެޅި މައްސަލާގައި ހައްޔަރު ކުރި 16 މީހަކު ދޫކޮށްލާފައިވަނީ މާލެ އިން މީހަކު ފޯނުކޮށްފައި އެ މީހުން ދޫކޮށްލަން އެންގުމުން ކަމަށް، ފުލުހުންގެ އިސް ބޭފުޅަކު ވިދާޅުވި ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް ފުލުހުން ބުނީ ހަމަ ނުޖެހުން އުފައްދަން މަސައްކަތް ކުރި މައްސަލާގައި 6 މީހެއްގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.
ހުކުރު ދުވަހުގެ ރޭ، ފޭދޫގައި ބެއްވި ޖަލްސާއަށް ގަލާއި، ލަކުޑި ބުރިން ހަމަލާ ދިނުމުގެ ސަބަބުން 3 ފުލުހަކަށް ވަނީ އަނިޔާވެފައެވެ.