Last Updated: July 25, 13:53
Saturday, July 25, 2026
މުނިފޫހިފިލުވުން

ދެރަ އަކީ ސްރީދޭވީއާ އެކީ ފިލްމެއް ނެހެދުން

ފިލްމީ ކެރިއަރުގެ އެންމެ ބޮޑު ދެރަ އަކީ އެންމެ ކަމުދިޔަ ބަތަލާ ސްރީދޭވީއާ އެކީ މަސައްކަތް ނުކުރެވުން ކަމަށް ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯގަރް ބުނެފި އެވެ.

މި މަހުގެ 28 ގައި ރިލީޒްކުރާ އޭނަގެ އާ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ޕްރޮމޯޝަނަށް ތުރެޑްސްގައި ކުރިއަށް ގެންދިޔަ ސުވާލާއި ޖަވާބު ސެޝަންގައި ފޮލޯވަރަކު ކުރި ސުވާލެއްގެ ޖަވާބުގައި ކަރަން ބުނީ އެންމެ ބޮޑު ދެރަ އަކީ ޑައިރެކްޓްކުރި ފިލްމެއްގައި ސްރީދޭވީއާ އެކީ މަސައްކަތް ނުކުރެވުން ކަމަށެވެ.

Post by @karanjohar
View on Threads

ސްރީދޭވީ އަކީ ކަރަންގެ ބައްޕަ ކުރީގެ ޕްރޮޑިއުސަރު ޔާޝް ޕްރޮޑިއުސްކޮށް، މަހޭޝް ބަޓް ޑައިރެކްޓްކުރި 1993 ގެ ފިލްމު "ގުމްރާހް" ގެ ބަތަލާ އެވެ. ކަރަންގެ ދަރުމާ އިން ސްރީދޭވީއާ އެކު ފިލްމެއް ހަދަން އިއުލާންކުރި ނަމަވެސް، ހުނަރުވެރި ބަތަލާގެ 2018 ގެ ކުއްލި މަރާ ގުޅިގެން އެ ފިލްމު އޭނައާ އެކީ ހެދޭ ގޮތެއް ނުވި އެވެ.

އެ ފިލްމަކީ 2019 ގެ "ކަލަންކް" އެވެ. ސްރީދޭވީއާ އެކީ "ގުމްރާހު" ގެ ބަތަލުގެ ރޯލު ކުޅުނު ސަންޖޭ ދަތު ވެސް ކާސްޓްގައި ހިމެނުނު ފިލްމު، ސްރީދޭވީގެ ބަދަލުގައި ކުޅުނީ މަދޫރީ ޑިކްސިޓެވެ. ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ނުލިބުނު އަދި އަބީޝެކް ވަރުމަން ޑައިރެކްޓްކުރި "ކަލަންކް" ގެ ކާސްޓްގައި ވަރޫން ދަވަނާއި އާލިއާ ބަޓާއި އަދިތިޔާ ރޯއި ކަޕޫރާއި ސޮނާކްސީ ސިންހާ ވެސް ހިމެނެ އެވެ.

ސްރީދޭވީގެ ދޮށީ ދަރިފުޅު ޖާންވީ ކަޕޫރް ބޮލީވުޑަށް ނެރުނީ ކަރަން ޕްރޮޑިއުސްކުރި ފިލްމަކުންނެވެ. އެއީ 2018 ގެ "ދަޅަކް" އިންނެވެ. އަދި ކަރަން ޑައިރެކްޓްކުރަން އެ އަހަރު އިއުލާންކުރި "ތަހުތު" ގެ ކާސްޓަށް ވެސް ޖާންވީ ނެގި އެވެ. އެކަމަކު އެކިއެކި ސަބަބުތަކާ ހެދި "ތަހުތު" އޮތީ ހުއްޓާލައިފަ އެވެ.

އޭގެ ކާސްޓްގައި ޖާންވީގެ ބޮޑުބޭބެ އަނިލް ކަޕޫރާއި ކަރީނާ ކަޕޫރާއިު އާލިއާ ބަޓާއި ވިކީ ކޯޝަލްގެ އިތުރުން ބޫމީ ޕިޑްނޭކަރް ހިމެނެ އެވެ.