Last Updated: July 25, 13:53
Saturday, July 25, 2026
މުނިފޫހިފިލުވުން

ވިކީ އާއި ޓްރިޕްތީގެ ފިލްމު އަންނަ އަހަރަށް ފަސްކޮށްފި

ކުރިން މި މަހުގެ ތެރޭގައި ބެލުންތެރިންނަށް ގެނެސްދޭން އަމާޒު ހިފި ވިކީ ކޯޝަލާއި ޓްރިޕްތީ ދިމްރީގެ ފިލްމު އަންނަ އަހަރަށް ފަސްކޮށްފި އެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާއި އެމެޒޯން ޕްރައިމް ވިޑިއޯ ގުޅިގެން ހަދާފައިވާ ފިލްމު ސިނަމާތަކަށް ގެންނަން މިހާރު ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ 23 ގަ އެވެ. މީގެ ނަން އަދި ރަސްމީކޮށް އިއުލާން ނުކުރި ނަމަވެސް ފިލްމުގެ ބައެއް ކާސްޓުންގެ މީގެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކުރުމުގެ ތެރޭގައި ފިލްމުގެ ނަމަކީ "މެރޭ މެހެބޫބް މޭރޭ ސަނަމް" ކަމަށް ބުނެފައިވެ އެވެ.

އާނަންދު ތިވާރީ ޑައިރެކްޓްކުރި ފިލްމުގެ ކާސްޓްގައި ނޭހާ ދޫޕިއާ އާއި މަޝްހޫރު ޕަންޖާބީ އެކްޓަރު އައްމީ ވާކް ވެސް ހިމެނެ އެވެ.

"މެރޭ މެހެބޫބު މޭރޭ ސަނަމް" ގެ ޑައިރެކްޓަރު އާނަންދު އެންމެ ފަހުގެ ފިލްމަކީ އެމެޒޯން ޕްރައިމް ވީޑިއޯ އޮން މިދިޔަ އަހަރު ގެނެސްދިން މަދޫރީ ޑިކްސިޓްގެ "މަޖާ މާ" އެވެ.

"މެރޭ މެހެބޫބް މޭރޭ ސަނަމް" އަކީ ވިކީ އާއި ޓްރިޕްތީގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ފިލްމެވެ. ބަތަލާ ކެޓްރީނާ ކައިފްގެ ފިރިމީހާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި "ޒަރަ ހަޓްކޭ، ޒަރަ ބަޗްކޭ" އެވެ. ވިކީގެ ކުރިއަށް އޮތް ފިލްމަކީ ޑިސެމްބަރަށް ތާވަލުކޮށްފައިވާ ބައޮގްރަފިކަލް ޑްރާމާ "ސޭމް ބަހާދޫރް" އެވެ.