ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ 62 އިންސައްތަ ވެރިކަންކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، (އެމްޑީޕީ) އަށް ލިބޭގޮތަށް ކޮމިޓީތައް އެކުލަވާލުމުގެ ރިޕޯޓް ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ބޭއްވި ޖަލްސާގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ 16 ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގައި، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތުގެ ރިޕޯޓަށް ވޯޓަށް އަހާފައެވެ. އެގޮތުން އެ ރިޕޯޓު ފާސްކުރުމަށް 35 މެންބަރުން އަދި ރިޕޯޓް ފާސްކުރުމާ ދެކޮޅަށް 14 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.
މި ރިޕޯޓަށް 10 އިސްލާހެއް މެންބަރުން ހުށަހަޅާފައިވެއެވެ. އެގޮތުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު 5 އިސްލާހު ހުށަހެޅުއްވިއިރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް 4 އިސްލާހު އަދި ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވަނީ އިސްލާހެއް ހުށަހަޅުއްވާފައެވެ. މިއިން އެއްވެސް އިސްލާހެއް ފާސްވެފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލިހުގައި ޕާޓީތަކަށް މެންބަރުން ނިސްބަތްވާ ގޮތަށް ބަލާލާއިރު، އެމްޑީޕީގައި 54 މެންބަރުން، ޕީޕީއެމްގައި 5 މެންބަރުން، ޕީއެންސީގައި 3 މެންބަރުން، އެމްއެންޕީގައި 3 މެންބަރުން، ޖުމްހޫރީ ޕާޓީގައި 2 މެންބަރުން، އެމްޑީއޭގައި 2 މެންބަރުން އަދި ވަކި ޕާޓީއަކަށް ނިސްބަތްނުވާ 18 މެންބަރުންނެވެ.
ކޮމިޓީތައް އެކުލަވާލާގޮތުގެ ރިޕޯޓުގައި ވަނީ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން މަޖިލީހުގެ ކޮމިޓީތަކުގައި ތަމްސީލުކުރައްވާ ނިސްބަތް ކަނޑައަޅާފައެވެ.
އެގޮތުން ކޮމިޓީތަކުގައި އުސޫލެއްގެ ގޮތުން ތަމްސީލުކުރައްވާނެ ނިސްބަތް ކަމުގައި ކަނޑައަޅާފައިވަނީ އެމްޑީޕީއަށް 62 އިންސައްތަ، ޕީޕީއެމްއަށް 6 އިންސައްތަ، ޕީއެންސީއަށް 3 އިންސައްތަ، އެމްއެންޕީއަށް 3 އިންސައްތަ، ޖުމްހޫރީ ޕާޓީއަށް 2 އިންސައްތަ، އެމްޑީއޭއަށް 2 އިންސައްތަ އަދި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުންނަށް 21 އިންސައްތައެވެ.
މިއަދު މަޖިލީހުން ފާސްކޮށްފައިވަނީ މަޖިލީހުގެ ހުރިހާ ކޮމިޓީއެއްގެ ޖުމުލަ ސްލޮޓްތަކުގެ ތެރެއިން 113 ސްލޮޓް އެމްޑީޕީއަށް، ޕީޕީއެމްއަށް 11 ސްލޮޓް، ޕީއެންސީއަށް 7 ސްލޮޓް، އެމްއެންޕީއަށް 7 ސްލޮޓް، ޖޭޕީއަށް 5 ސްލޮޓް، އެމްޑީއޭއަށް 5 ސްލޮޓް އަދި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުންނަށް 35 ސްލޮޓެވެ.