ޗައިނާގެ ޕްރީ ސްކޫލެއްގެ ތެރޭގައި މިއަދު ގަތުލުއާންމެއް ހިންގައި ހަ މީހަކު މަރާލައިފި އެވެ.
މީޑިއާތަކުން ބުނީ ދެކުނު އިރުމަތީ ޗައިނާގެ ގުއަންޑޮން ޕްރޮވިންސްގެ ޕްރީ ސްކޫލެއްގައި ވަޅިއަކުން ދިން ހަމަލާތަކެއްގައި ހަ މީހަކު މަރާލި އިރު، އިތުރު މީހަކު ވަރަށް ބޮޑަށް ޒަހަމްވެގެން ފަރުވާ ދެމުން އަންނަ ކަމަށެވެ. ނަމަވެސް މަރުވި މީހުންނާ ބެހޭ ތަފުސީލެއް ރަސްމީ ފަރާތްތަކުން އަދި ހާމައެއް ނުކުރެ އެވެ.
އެކަމަކު ބައެއް މީޑިއާތަކުން ބުނީ މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ތިން ދަރިވަރަކާއި ދެ ބެލެނިވެރިއެއްގެ އިތުރުން ޓީޗަރެއް ކަމަށެވެ.
މި ގަތުލުއާންމު ހިންގި ކަމަށް ތުހުމަތުކުރެވޭ 25 އަހަރުގެ ފިރިހެނަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި ހާދިސާގެ ތަހުގީގު ވަރަށް ސީރިއަސްކޮށް ފަށާފައިވާ ކަމަށް ބުންޏެވެ.