މަޝްރޫއުތައް އަވަސްކުރުމަށްޓައި އެމްޓީސީސީ އަށް ބޮޑު ޑްރަޖަރެއް ގެންނަން ނިންމައިފި އެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ބިން ހިއްކުމާއ ބަނދަރު ހެދުން ފަދަ ބޮޑެތި މަސައްކަތްތައް ކުރަމުން އަންނަ ސަރުކާރު ހިއްސާވާ ކުންފުންޏަށް ބޮޑު ޑްރެޖަރެއް ގެންނަން ނިންމިކަން އިއުލާންކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ށ. އަތޮޅަށް ފެއްޓެވި ކެމްޕޭން ދަތުރުގެ ތެރޭގަ އެވެ.
މިކަމާ ގުޅޭ ގޮތުން އެމްޓީސީސީން ބުނެފައި ވަނީ އަލަށް ގެންނަން އުޅޭ ބޮޑު ޑްރެޖަރަކީ ބެލްޖިއަމްގެ ކުންފުންޏަކުން ކުއްޔަށް ނަގައި ގެންނަ އެއްޗެއް ކަމަށެވެ. އަދި މި ހަފުތާގެ ބުދަ ދުވަހު އެ ޑްރެޖަރު ހއ. އިހަވަންދު އަށް ގޮސް އެ ރަށް ހިއްކަން ފަށާނެ ބުންޏެވެ
އެމްޓީސީސީން މިހާތަނަށް ހިއްކުމުގެ މަސައްކަތް ކުރަމުން އައިސްފައި ވަނީ މަހާޖައްރާފުންނެވެ. އެކަމަކު، އޭގެ ޑައިނަމޯ ހަލާކުވެ، އެ މަރާމާތު ކުރުމުގެ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެމްޓީސީސީން ބުނީ ކުއްޔަށް ޑްރެޖަރެއް ގެންނަން ނިންމީ އެކަމަށް ވަގުތު ވެސް ނަގާނެތީ ކަމަށެވެ.
އެ ކުންފުނިން ބުނި ގޮތުގައި އަލަށް ގެންނަ ޑްރެޖަރުން އެއް ދުވަހުގެ ތެރޭގައި އެއް ހެކްޓަރުގެ ބިން ހިއްކާލެވެ އެވެ.
އެގޮތުން އާ ޑްރެޖަރުން 9 ރަށެއް ހިއްކަން މިހާރު ޕްލޭންކޮށްފައިވެ އެވެ. އެއީ، އިހަވަންދޫގެ އިތުރުން ށ. ކޮމަންޑު އާއި އއ. އުކުޅަހާއި އެ އަތޮޅު ބޮޑުފޮޅުދު އާއި ރ. އުނގޫފާރާއި މ. ދިއްގަރާއި ފ. ފީއައްޔާއި ކ. ދިއްފުއްޓާއި އެ އަތޮޅު ގުޅި އެވެ.
އެމްޓީސީސީން ބުނީ މި އަހަރުގެ އޮކްޓޯބަރު ނިމުމުގެ ކުރިން އެ ހުރިހާ ރަށެއް ހިއްކައި ނިންމައިލެވޭނެ ކަމަށެވެ.