Last Updated: July 25, 13:53
Saturday, July 25, 2026
މުނިފޫހިފިލުވުން

"ފުރޭތަ" އަރާނީ 17 ގައި

ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ފުރޭތަ" ގެ ޓީޒާއެއް މިއަދު ދައްކާލައި މި މަހުގެ 17 ގައި ފިލްމު ޓްރެއިލާ ނެރޭނެކަން އިއުލާންކޮށްފި އެވެ.

މި ފިލްމަކީ އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް، އަލީ ޝިފާއު ޗިއްޕެ) ޑައިރެކްޓްކުރާ އެއްޗެކެވެ. "ފުރޭތަ" ގެ ކާސްޓްގައި ޝަރަފު އަބްދުﷲ، ރަވީ ފާރޫގް، މުހައްމަދު މަނިކު، އަހުމަދު ސައީދު، އަހުމަދު ރިފްޝާން، އަހުމަދު ނާޝިތު، އަލީ ނަދީހު، އައިމިނަތު އަސީލާ އަދި އާދަމް ރިޒްވީ ހިމެނެ އެވެ.

ޑާކް ރެއިނުން "ފުރޭތަ" ގެ މަސައްކަތްކުރާތާ ދުވަސްކޮޅެއްވެފައިވާ އިރު، މި ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް މީހާތަނަށް ހާމަކޮށްފައެއް އެވެ. އެކަމަކު 17 ގައި ފިލްމު ގެ ޓްރެއިލާ ދައްކައިލަން ތާވަލުކޮށްފައިވާތީ އެ ދުވަހު ފިލްމު، ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް ވެސް އިއުލާން ކުރާނެ ކަމަށް ބެލެވެ އެވެ.

"ފުރޭތަ" ގެ ޑައިރެކްޓަރު ޗިއްޕެ އަކީ މިހާތަނަށް ޑާކް ރެއިނަށް ވަރަށް ކާމިޔާބު ފިލްމުތަކެއް ހަދާފައިވާ މީހެކެވެ. އޭގެ ތެރޭގައި "މާމުއި"، "ވާށޭ މަށާއެކީ" އަދި "އެންމެ ފަހު ވިންދާ ޖެހެންދެން" ފާހަގަކޮށްލެވެ އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ މާޗްގައި މީޑިއާ ނެޓުން ޕްރީމިއާކުރި "ހިނދުކޮޅެއް" އެވެ.

ޑާކް ރެއިނުން މި އަހަރި ބެލުންތެރިންނަށް ގެނެސްދިން ފުރަތަމަ ފިލްމަކީ ފެބްރުއަރީ 6 ގައި އޮލިމްޕަހުގައި އެޅުވި "ބީވީމާ" އެވެ. އެ ސްޓޫޑިއޯގެ ބިރުވެރި ފިލްމު "ބަޅިނދު" މިހާރު އޮތީ މި އަހަރުގެ ޑިސެމްބަރު 4 ގައި ސިނަމާ އަށް ގެންނަން ނިންމައިފަ އެވެ.