ދިވެހިން ދެން ވެސް ބޭނުން ވަނީ އަމާން އުފާވެރި ދުވަސްތަކެއް ކަމަށާއި އެކަން ކަށަވަރު ކުރެވެން އޮތީ އަނެއްކާ ވެސް ކޯލިޝަން ސަރުކާރެއް ހޮވައިގެން ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރޭ އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ށ. އަތޮޅަށް ފެއްޓެވި ކެމްޕޭން ދަތުރުގެ ތެރެއުން ފޯކައިދޫގައި ރޭ ބެއްވި ޖަލްސާގައި ހޯމް މިނިސްޓަރު ވިދާޅުވީ ރާއްޖެ މިހާރު މި ދެކޭ ތަރައްގީ އާއި ކުރިއެރުމަކީ ރައީސް ހިކުމަތްތެރިކަމާ އެކި ދެމެހެއްޓި ކޯލިޝަނާއި އޭގެ ބައިވެރިން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.
އެހެންވެ މި ކުރިއެރުމާއި ތަރައްގީ އާއި އުފާވެރިކަމާއި ހަމަޖެހުމާއި އަމާންކަން އަދިވެސް ރައްޔިތުން ބޭނުންވާ ކަމަށާއި ކުރީގެ ހިތްދަތި އުނދަގޫ، ހާސްކަން ބޮޑު މާޒީ އަލުން ދިވެހިން އިޔާދަކުރަން ބޭނުން ނުވާ ކަމަށް އިމްރާން ވިދާޅުވި އެވެ. އޭނަ ވިދާޅުވީ ރޭގަނޑު އާއިލާއާ އެކީ ނިދާފައި އޮއްވައި ޑިފެންސް މިނިސްޓަރުގެ ގެއަށް ފިސްތޯލެއް ގެންގޮސްގެން ކުޑަގޮޅިއަށް ގެންދާ ދުވަސް އަލުން ދިވެހިން ދެކެން ބޭނުން ނުވާނެ ކަމަށެވެ. އަދި ސިޔާސީ ލީޑަރުން ދާޖަހައިގެން ގެންގޮސް ގޮޅިތަކުގެ ތެރެއަށް އަޅާލެވުނު ދުވަސް ދިވެހިން ދެކެން ބޭނުމެއް ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އެތައް މިލިއަން ޑޮލަރަކުން އިންވެސްޓްކޮށްފައިވާ ރަށްތަކާއި ފަޅުތަށް ނޭންގި ހުއްޓައި އަތުލައި ހޮސްޕިޓަލަށް ހާލުގައި ވައްދާ ބޭރަށް ފުރުވާލެވޭ ދުވަސް ތަކުރާރުވާކަން ދިވެހި ރައްޔިތުން ނޭދޭނެ. ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައި ފަޑިޔާރު ގައިދުކޮށް ބިކަ ކުރުން ތަކުރާރުވާކަށް ދިވެހި ރައްޔިތުން ދެނެއް ޖާގަދޭކަށް ނުވާނެ،" އިމްރާން ވިދާޅުވި އެވެ. "މަޖިލީހުގެ މެމްބަރުންގެ އިއްޒަތްތެރިކަން ކަނޑާ ވާޓަރު މައްޗަށް ކަންނެލި އުކާހެން ފާރުމަތިން މެމްބަރުން އުކޭ ދުވަސް އެއީ ރާއްޖޭގެ އިއްޒަތް ގެއްލޭ ދުވަސް. އެ ދުވަސް ދެން ދެކޭކަށް ރާއްޖޭގެ އެއްވެސް ރައްޔިތަކު ނޭދޭނެ. ދިވެހިން ބޭނުން ވަނީ އުފާވެރި އަމާން ދުވަސްތަކެއް." އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވި ރާއްޖެ މިހާރު ހަމަޖެހޭ ހާލަތުގައި ދެމިއޮންނާނީ ދެން ވެސް ރައީސް ސޯލިހު ވެރިކަމަށް ގެނެސްގެން ކަމަށް ދިވެހިން ގަބޫލުކުރާ ކަމަށެވެ.
އޭނަ ވިދާޅުވި ގޮތުގައި ކޯލިޝަންގެ ބައިވެރިންގެ އެންމެ މުހިންމު ސިފަ އަކީ ތަފާތުތައް ނައްތާލައި ގައުމީ މަސްލަހަތު އިސްކޮށްގެން ގައުމައިގެން ކުރިއަށް ދިއުމުގެ މަޝްވަރާ އާއި އުފެއްދުންތެރިކަން އިސްކުރުން ކަމަށެވެ. އަދި ރާއްޖެ ދެކެމުންދާ ހުރިހާ އުފަލަކާއި ތަރައްގީއަކަށް ކުރިއެރުން ގެނެސްދިނީ ކޯލިޝަންގެ އެންމެން އެކުވެ ބައިވެރިވެރިގެން ކަމަށް ވިދާޅުވި އެވެ.
"ކޮންމެވެސް ވަރެއްގެ ހިތާމައެއް އެބަހުރި. ވޭތުވެދިޔަ ދުވަސްކޮޅުގައި ކޮންމެވެސް ވަރެއްގެ ފަންޏެއް އަޅައިގެން ހިތިފަތް ޖަހައިގެން ބައެއް ފަނިތައް ފަރުވާ ދެވިފައިވާ ކަމަށް ކަމަކީ ހިތާމަހުރި ކަމެއް،" އިމްރާން ވިދާޅުވި އެވެ. "އެހެން ނަމަވެސް އެއްކޮށް ބަލި ފަސޭހަވެ ރަނގަޅުވެގެންދާ އިރު އެންމެ ލަކުނެއް ވެސް ނުހުންނާނެ."