Last Updated: June 13, 17:08
Saturday, June 13, 2026
ޚަބަރު

ޑިމޮރެކްޓްސް ވެރިކަމަށް އަންނާނެ: އީވާ

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކޮށް ޑިމޮކްރެޓްސް ވެރިކަމަށް އަންނާނެ ކަމަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިއްޔެ ރަޖިސްޓްރީ އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހެޅި ޕާޓީގެ "ހައުސް އޮފް ޑިމޮރްކެޓްސް" ހުޅުވަން ރޭ ބޭއްޗި ޖަލްސާގައި މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު ވިދާޅުވީ ދެން އަންނަ ސަރުކާރެއް އުފައްދާނީ ޑިމޮކްރެޓްސް އިން ކަމަށެވެ.

އީވާ ވިދާޅުވި ގޮތުގައި ޔަގީންވާ ކަމަކީ ސެޕްޓެމްބަރު 9 ގައި ބާއްވާ އިންތިހާބުން މިހާރުގެ ރައީސް އަދި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދ ސޯލިހު ބަލިވެވަޑައިގަންނަވާނެ ކަމެވެ.

"ޕީޕީއެމްގެ ސަޕޯޓް އޮތް ގޮތަށް އެބަ އޮތް. ޕީޕީއެމްއިން ނަގާ އަށްޑިހަހާއެއްހާ ވޯޓު އެބަ އޮތް. އަޅުގަނޑުމެންނަށް އެކަން އެބަފެނޭ އެކިއެކި އޮޕީނިއަން ޕޯލްތަކުން އަދި އެކިއެކި ބައި އިލެކްޝަންތަކުން. ޖުމުހޫރީ ޕާޓީން ނަގާ ވޯޓުކޮޅެއް އެ ޕާޓީއިން ނަގާނެ،" އޭނަ ވިދާޅުވި އެވެ. "އެމްއެންޕީން ހަތްހާހެއްހާ ވޯޓް ނަގާނެ. އެމްއާރްއެމްއިން ފަސްހާހެއްހާ ވޯޓު ނަގާނެ. ދެން ޑިމޮކްރެޓްއިން އެމްޑީޕީގެ ބޮޑުބައި ދަމައިގަންނާނަން. އަދި އޭގެ އިތުރަށް ވެސް ވިހިހާސް ވޯޓު ނަގާނަން. ދެން ބާކީ މި އޮންނާނީ ހަތްދިހަހާހެއްހާ ވޯޓު. އެއީ ނަވާވީސް އިންސައްތަ."

އީވާ ވިދާޅުވި ގޮތުގައި ހިޔާލު ހޯދުމުގެ ޕޯލްތަކުން ދައްކާ ގޮތުގައި ރައީސް ސޯލިހް ވިިދިވިދިގެން ތިން މަހު ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި ޖެނުއަރީ މަހުގެ އޮޕީނިއަން ޕޯލްތަކުން ދައްކަނީ 18 ޕަސެންޓް ކަމަށާއި އަދި މިދިޔަ މަހުގެ އޮޕީނިއަން ޕޯލްގައި ދައްކަނީ 15 ޕަސެންޓް ކަމަށެވެ. އެހެންވެ ފަސް އަހަރުގެ ވެރިކަމެއް ނިންމައިލާ އިރު 52 ޕަސެންޓުން ފެށި ލީޑަރުގެ ތާއީދު މިހާރު ދައްކަނީ އެންމެ 15 ޕަސެންޓަށް ކަމަށް ވިދާޅުވި އެވެ.

"ސާޅީސް ދެ ބައި އިލެކްޝަން ސަރުކާރުން ކުރިމަތިލި އިރު ކާމިޔާބު ކުރެވުނީ ސާދަ ގޮނޑި. ކުޑަ ރަށެއް ބޮޑު ރަށެއް ބަލާނެ ކަމެއް ނެތް އިންތިހާބުތައް ގެއްލުވާލައިފި. އައްޑޫ ހިތަދޫ ގެއްލުވާލައިފި. އެތަނުން ފަންސާސް އަށް ޕަސެންޓް ޕީޕީއެމް ނަގައިފި. މާލޭ ކައުންސިލް ވެސް ގެއްލުވާލައިފި." އީވާ ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ރައީސް ސޯލިހަކީ ކޯލިޝަންގެ ޗޮއިސް ކަމަށް ވިދާޅުވިޔަސް އެކީގައި ތިބި މުހިއްމު ޕާޓީތަކުން މި ފަހަރު އެމަނިކުފާނު ދޫކޮށްލައިފި ކަމަށެވެ. އެމްޑީޕީ ކޯލިޝަންގައި މި ފަހަރު ހިމެނެނީ އަދާލަތާއި އެމްޑީއޭ އެވެ. އަދި ރައީސް ވިދާޅުވީ އެ ކޯލިޝަނާ އެކީ އެއްބުރުން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ.