Last Updated: June 7, 13:32
Sunday, June 7, 2026
ޚަބަރު

ޤައުމީ ޕޭމެންޓް ނިޒާމާ 3 ބޭންކަކުން ގުޅިއްޖެ

ބޭންކުތަކާއި އެކު އެމްއެމްއޭއިން ސޮއިކުރަނީ / ފޮޓޯ؛ އައްޑޫލައިވް

ޤައުމީ އިންސްޓެންޓް ޕޭއިމެންޓް ނިޒާމުގައި ބޭންކުތަކުން ބައިވެރިވުމަށް އެމްއެމްއޭއާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ބޭއްވި ރަސްމީއްޔާތުގައި މި ނިޒާމާއި ގުޅިފައިވަނީ، ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާއެވެ. މިރަސްމީއްޔާތުގައި ބޭންކުތަކުގެ ވެރިންގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އަދި އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ބޭންކުތަކާއި އެކު އެމްއެމްއޭގެ ފަރާތުން ސޮއިކުރެއްވީ، އެސިސްޓެންޓް ގަވަނަރ މަރިޔަމް ހުސެއިން ދީދީ އެވެ. ބީއެމްއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އައިޝަތު އަލީ ނޫރައްދީން އެވެ. މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ބޭންކުގެ ސީއީއޯ މުފައްދަލް އިދްރީސް ޚުމްރީ އެވެ. ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ކަންޓްރީ މެނޭޖަރ އަދި ސީއީއޯ ޑޮރަބާބޫ ޑޮޕާޓީ އެވެ.

ބޭންކުތަކާއި އެކު އެމްއެމްއޭއިން ސޮއިކުރަނީ / ފޮޓޯ؛ އައްޑޫލައިވް

މި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަނަރ އަލީ ހާޝިމް ވިދާޅުވީ، މިއީ ވަރަށް ގިނަ ބައެއްގެ އުއްމީދާއި ގުޅިފައިވާ މުހިންމު މަސައްކަތެއް ކަމަށެވެ. ނަމަވެސް މިއީ ރާއްޖޭގެ މާލީ ނިޒާމަށް އަންނަ ޖުމްލަ ހައްލެއް ނޫންކަން ގަވަނަރ ފާހަގަ ކުރެއްވިއެވެ. އޭގެ ބަދަލުގައި މިއީ އެ ހައްލު ގެނެސްދޭން މަގު ކޮށައިދޭ މެދުވެރިޔާ ގޮތުގައި ހާޝިމް ފާހަގަ ކުރެއްވިއެވެ.

ހާޝިމްގެ ވާހަކައިގައި މިއަދު 3 ބޭންކެއް މި ޙިދުމަތާއި ގުޅުމަށް ސޮއިކޮށްފައިވަނީ މާލީ ޚިދުމަތްދޭ ތަންތަނުން ފުރިހަމަ ކުރަންޖެހޭ ޔޫޒާ އެކްސެޕްޓެންސް ޓެސްޓުތައް ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ. އަދި ދާދި އަވަހަށް ޕައިލެޓް ޓެސްޓިންގ ފެށިގެން ދާނެ ކަމަށާއި، މިހާރު އަމާޒަކީ އޯގަސްޓު މަހުގެ ފަހު ހަފްތާގައި މުޅި ނިޒާމު އެއްކޮށް ލޯންޗު ކުރުން ކަމަށް ގަވަރުނަރު ހާޝިމް ވިދާޅުވިއެވެ.

ބޭންކުތަކާއި އެކު އެމްއެމްއޭއިން ސޮއިކުރަނީ / ފޮޓޯ؛ އައްޑޫލައިވް

އެމްއެމްއޭއިން އިސްނަގައިގެން ޤާއިމް ކުރުމަށް މަސައްކަތް ކުރަމުންދާ ޤައުމީ އިންސްޓެންޓް ޕޭމެންޓް ނިޒާމަކީ، ރާއްޖޭގައި ކޮންމެ މުޢާމަލާތެއްވެސް ކޮންމެ ފަރާތަކުން ކުރިއަސް ވަގުތުން ފައިސާ ޖަމާވެ ބޭނުން ކުރެވޭ ގޮތަށް ފަރުމާ ކުރާ ނިޒާމެކެވެ. މި ނިޒާމުގެ ސަބަބުން ވަކިވަކި ބޭންކުތައް ބޭނުން ކުރާ ޚިދުމަތްތައް އެއް ނިޒާމެއްގެ ތެރެއިން ގުޅާލެވި އެ ޚިދުމަތަކާއި ގުޅިގެން ކުރެވޭ މުޢާމަލާތްތައް ވަގުތުން ކުރެވޭ ގޮތަށް ހަމަޖެހިގެންދާނެއެވެ.

މިވަގުތު މި ޙިދުމަތާއި ތިން ބޭންކު ގުޅި ޕައިލެޓް ފޭސްއަށް ދިޔަ ނަމަވެސް، އިތުރު ބޭންކުތައްވެސް ޔޫޒަރ އެކްސެޕްޓެންސް ޓެސްޓުތަކުގައި ބައިވެރިވަމުންދާ ކަމަށާއި ލޯންޗު ކުރާ ހިސާބަށް ދާއިރު މި ނިޒާމާއި ގުޅިގެންދާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް އެމްއެމްއޭއިން ބުނެއެވެ.