Last Updated: July 25, 13:53
Saturday, July 25, 2026
މުނިފޫހިފިލުވުން

ޕްރިޔަންކާގެ ރޯލު އަނުޝްކާ ގަބޫލެއް ނުކުރި!

ޑައިރެކްޓަރު ފަރުހާން އަޚްތަރުގެ "ޖީ ލ، ޒަރާ" ގައި ޕްރިޔަންކާ ޗޯޕްޅާ ކުޅެން އޮތް ރޯލު، އަނުޝްކާ ޝަރުމާ އަށް ހުށަހެޅުމުން ގަބޫލުކުރަން ދެކޮޅު ހަދާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކާސްޓްގައި އާލިއާ ބަޓާއި ކެޓްރީނާ ކައިފް ވެސް ހިމެނޭ މި ރޯޑް-ޓްރިޕް ފިލްމު ޕްރިޔަންކާ ދޫކޮށްލީ ހޮލީވުޑްގެ ޕްރޮޖެކްޓްތަކުގައި ވަރަށް ބޮޑަށް ބިޒީވެގެން ވަގުތު ދެވެން ނެތިގެން ކަމަށް މީޑިއާތަކުން ބުނެ އެވެ. އެކަމަކު އެކަން މިހާތަނަށް ރަސްމީކޮށް ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.

ނަމަވެސް ޕްރިޔަންކާ ފިލްމުން ވަކިވެފައިވާތީ އޭނަގެ ރޯލު އަނުޝްކާ އަށް ހުށަހެޅުމުން ތާރީހުތައް ހުރި ގޮތުން ވަގުތު ދެވެން ނެތުމުން އޭނަ ހުށަހެޅުން ގަބޫލުނުކޮށް ދޫކޮލާފައިވާ ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނެ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ އަނުޝްކާ އާއި ޕްރިޔަންކާ އަކީ ކުރިން އެއް ފިލްމެއްގައި މަސައްކަތްކޮށްފައިވާ ދެ ބަތަލާއިންކަމެވެ. އެއީ ފަރުހާން ވެސް މުހިއްމު ރޯލެއް ކުޅުނު އަދި "ޖީ ލޭ ޒަރާ" ވެސް ޕްރޮޑިއުސްކުރާ އޭނަގެ ފިލްމު ކުންފުނި، އެކްސަލް އެންޓަޓައިންމަންޓްގެ 2015 ގެ "ދިލް ދަޅަކް ނޭ ދޯ" އެވެ. ފިލްމަކީ ފަރުހާންގެ ދައްތަ ޒޯޔާ އަޚްތަރު ޑައިރެކްޓްކުރި އެއްޗެކެވެ.

އަޑުތައް އަރާފައިވާ ގޮތުން "ޖީ ލޭ ޒަރާ" އިން ކެޓްރީނާ ވެސް ވަނީ ވަކިވެފަ އެވެ. އެހެންވެ އޭނަގެ ބަދަލުގައި ފިލްމަށް ކިއާރާ އަދުވާނީ ގެންނަން ފޭނުންތަކެއް ސޯޝަލް މީޑިއާގައި އެދިފައިވެ އެވެ. ނަމަވެސް ކެޓްރީނާ ވެސް ފިލްމު ދޫކޮށްލިކަން ކަށަވަރެއް ނުވެ އެވެ.

"ޖީ ލޭ ޒަރާ" އަކީ 2021 ގައި އިއުލާންކުރި ފިލްމެކެވެ. މިއަށް ދާދި ފަހުން ފަރުހާން ލޮކޭޝަން ވެސް ހަންޓްކުރި އެވެ. އެކަމަކު ތަރިންނާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކާ ހެދި މި ފިލްމު މިހާރު އޮތީ ވާނުވާގަ އެވެ. އަނެއްކޮޅުން ފަރުހާން އަންނަނީ އޮގަސްޓްގައި "އެކޯސް" ގެ ނަމުގައި ޔޫރަޕްގެ މިއުޒިކް ޓުއާއަކަށް ތައްޔާރުވަމުންނެވެ.

އޭނަ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2011 ގެ "ޑޮން 2" އެވެ.