Last Updated: April 28, 14:38
Sunday, April 28, 2024
ޚަބަރު

އެންސީއައިޓީ އަށް ޤާނޫނީ ބާރު ލިބެން ޖެހޭ: ޝައުނާ

ވަން ގަވް ލޯންޗު ކުރުމުގެ ރަސްމީއްޔާތުގައި މިނިސްޓަރ ޝައުނާ ވާހަކަ ދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް

ނޭޝަނަލް ސެންޓަރ ފޮރ އިންފޯމޭޝަން ޓެކްނޮލޮޖީ، އެންސީއައިޓީއަށް އަކީ ޤާނޫނީ ބާރު ލިބިގެން ހިންގަން ޖެހޭ ތަނެއް ކަމަށް ޤަބޫލު ކުރައްވާ ޓެކްނޮލޮޖީ މިނިސްޓަރ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޝައުނާ މިހެން ވިދާޅުވީ، މިއަދުން "ވަން ގަވް" ލޯންޗު ކުރުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ވަން ގަވް އަކީ ދައުލަަތުގެ މުޢައްސަސާތަކުން ދޭ ޚިދުމަތްތައް އެއް ތަނަކުން ހޯދައި ލިބިގަތުމަށް ސަރުކާރުން ތަޢާރަފް ކުރި ނިޒާމެކެވެ. މި ނިޒާމު ލޯންޗުވެގެން ދިޔައީ 5 އިދާރާއަކާއި އެކުގައެވެ. މި ނިޒާމު ލޯންޗުކޮށް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އެވެ.

ޓެކްނޮލޮޖީ މިނިސްޓަރ ޝައުނާގެ ވާހަކައިގައި މިފަދަ ނިޒާމެއް ތަރައްޤީ ކުރުމުގައި ގިނަ ގޮން ޖެހުންތަކާއި ކުރިމަތިވީކަން ފާހަގަ ކުރެއްވިއެވެ. އަދި ދައުލަތުގެ އައިޓީ އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުމަށް ކުރެވިފައިވާ މުހިންމު ކަންކަމަށް ވަނީ އަލިއަޅުއްވާފައެވެ.


މިގޮތުން ދައުލަތުގެ އައިޓީ ކަންކަމާއި ބެހޭ މައި އިދާރާ އެންސީއައިޓީއާއި އެކަމަނާގެ ހަވާލުވިއިރު ތިބީ އަތުން ގުނާ ލެވޭ އަދަދަށް މުވައްޒަފުން ކަމަށެވެ. ނަމަވެސް މިހާރު 38 މުވައްޒަފުންނަށް އެންސީއައިޓީ މުވައްޒަފުންގެ އަދަދު އިތުރު ކުރެވިފައިވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މިދައިރާގެ ފަންނީ މުވައްޒަފުން ދެމެހެއްޓުމަށް މާކެޓް ބޭސްޑް އުޖޫރައެއް ދިނުމަށް ނިންމިގެން ދިޔަކަން ފާހަގަ ކުރެއްވިއެވެ. އަދި މީގެ އިތުރުންވެސް ކުރެވިދާނެ ގިނަ ކަންކަން ހުރިކަން ޝައުނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި، އެންސީއައިޓީގެ މަސައްކަތްތައް ގަވަމެންޓް ޑިޖިޓަލް ސާވިސްއެއް ގޮތުގައި ޤާނޫނީ ބާރުލިބިގެން، ހިންގާ މުޢައްސަސާއަކަށް ހެދުމަކީ މުހިންމު ކަމެއް. އަދި މިކަންވެސް މިހާރު ވަނީ ފަށްޓާފައި." ޝައުނާ ވިދާޅުވިއެވެ.

ވަން ގަވް ތަޢާރަފްވެގެން ދާއިރު މި ދާއިރާގައި ޤާނޫނީ ހުސްކަމެއް އޮތްކަން ފާހަގަ ކުރައްވާ އެމަސައްކަތައް ކުރިއަށްގެންދާވާ ކަން މިނިސްޓަރ ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ސައިބާ ސެކިރިޓީއާއި ބެހޭ ޤާނޫނަކާއި ޑޭޓާ ޕްރައިވެސީއާއި ގުޅޭ ޤާނޫނު ހިމެނެއެވެ.

ޓެކްނޮލޮޖީ މިނިސްޓަރ ވިދާޅުވި ގޮތުގައި މިހާރު ސައިބާ ސެކިއުރިޓީއާއި ބެހޭ ޤާނޫނު ޑްރާފްޓު ކުރަން ވަނީ ފަށާފައެވެ. މީގެ އތިރުން ޑޭޓާ ޕްރޮޓެކްޝަން އެންޑް ޕަރިވެސީ ބިލް ޑްރާފްޓްކޮށް އަދި ޕަބްލިކް ކޮންސަލްޓޭޝަން މިހާރު ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.