Last Updated: April 28, 13:14
Sunday, April 28, 2024
ޚަބަރު

"ވަންގަވް" އަކީ ޑިޖިޓަލް ސަރުކާރެއްގެ ފެށުން

ފޮޓޯ: ރައީސް އޮފީސް

"ވަންގަވް" އާއެކު ރާއްޖޭގައި ފެށިގެން ދަނީ ޑިޖިޓަލް ސަރުކާރެއްގެ ފެށުންކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ "ވަންގަވް" އިފްތިތާހުކުރުމަށް މިއަދު ހެނދުނު ސަލްޓަން ޕާކްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ "ވަންގަވް" އާއެކު ފެށިގެންދާ ޑިޖިޓަލް ސަރުކާރުގެ އެންމެ ހާއްސަ ސިފައަކީ ސަރުކާރުން އެމީހަކު ހޯދަން ބޭނުންވާ ޚިދުމަތެއް އެމީހަކު ހުރި ތަނަކުން އެމީހަކާ ހަމައަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި މިއީ ރާއްޖެފަދަ ޖަޒީރާވަންތަ ޤައުމަކަށް މުހިންމު ޕްލެޓްފޯމެއްކަމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލުކުރުމަށްވެސް މުހިންމު ޕްލެޓްފޯމެއްކަން ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ "ވަންގަވް"ގެ ހިދުމަތްތަކަށް ހަފްތާގެ 7 ދުވަހު 24 ގަޑިއިރު އެދެވޭނެކަމަށެވެ. އަދި "ވަންގަވް"ގެ ސަބަބުން ކޮރަޕްޝަނަށް އޮތް ފުރުސަތުތައް ހަނިވެގެންދިއުމާއި ކަރުދާސް ބޭނުންކުރަންޖެހޭ މިންވަރު މަދުވެ، ތިމާވެށީގެ ގޮތުންނާއި އިޤްތިސާދީގޮތުންވެސް ފައިދާތަކެއް ލިބިގެންދާނެކަން ރައިސް ފާހަގަކުރެއްވިއެވެ.

ވަންގަވް އަށް ލޮގިން ކުރެވެނީ "އީފާސް" މެދުވެރިކޮށެވެ. މިއަދު ވަންގަވް އިފްތިތާހުކޮށްފައި ވަނީ 5 އިދާރާއެއްގެ ޖުމްލަ 111 ހިދުމަތްތަކާ އެކުގައި ކަމުގައިވިޔަސް މި ހިދުމަތް ފުޅާކުރެވި ސަރުކާރުގެ ހުރިހާ އިދާރާތައް މީގެ ތެރޭގައި ހިމެނިގެންދާނެއެވެ.