Last Updated: July 25, 13:53
Saturday, July 25, 2026
މުނިފޫހިފިލުވުން

ޔޫއްޕެ އުޅެނީ "ޖޯކަރު" ގެނެސްދޭން

ރާއްޖޭގެ މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) "ޖޯކަރު" ގެ ނަމުގައި ކޮމެޑީ ފިލްމެއް ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރުވެއްޖެ އެވެެ.

ޝޫޓިން ނިންމައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް މި ފިލްމުގެ ޓީޒާ ވެސް މާދަމާ ބެލުންތެރިންނަށް ދޫކޮށްލަން ވަނީ ހަމަޖެހިފަ އެވެ.

"ޖޯކަރު" އަކީ ޔޫއްޕެއާ ގުޅިގެން "ދައުވަތު" އާއި "ނޯޓީ 40" އަދި "ފޯޓީ ޕްލަސް" ފަދަ ފިލްމުތައް ގެނެސްދިން ޕްރޮޑިއުސަރު އިސްމާއީލް ޝަފީގާއި މިދިޔަ މެއި މަހު އޮލިމްޕަހުގައި އެޅުވި އަލީ ސީޒަންގެ "ލޯބިވެވިއްޖެ" ގެ ޕްރޮޑިއުސަރު ޝާނީޒް އަލީ ޕްރޮޑިއުސްކޮށްފައިވާ އެއްޗެކެވެ.

ޔޫއްޕެ ލިޔެ، ޑައިރެކްޓްކުރި "ޖޯކަރު" ގެ ކާސްޓްގައި ތަޖުރިބާކާރުން ތަރިން ކަމަށްވާ ޝީލާ ނަޖީބާއި އަހުމަދު ނިމާލާއި އަހުމަދު ސައީދުގެ އިތުރުން އަލީ އާޒިމް ދޮން (އައްޔަ) އާއި ނާޝިދާ މުހައްމަދާއި އިބްރާހީމް ރަޝީދު (ބްރޯ) އާއި ހަމްދާމް ފާރޫގާއި އަހުމަދު ރިފްޝާނާއި ޝަހީދާ އަހުމަދާއި މޫސާ އަލީފް ހިމެނެ އެވެ.

ދުވަސްތަކެއް ފަހުން ޔޫއްޕެ ޑައިރެކްޓްކުރި ފިލްމެއް ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، އޭނަ އަކީ އެންމެ ފަހުން ބޭއްވި 9 ވަނަ ދިވެހި ފިލްމު އެވޯޑްސްގައި 2109 ވަނަ އަހަރު އެވޯޑްސްގެ މުހިއްމު ހަތަރު އެވޯޑެއް ހާސިލުކުރި ފަންނާނެކެވެ. އެގޮތުން ޑައިރެކްޓްކޮށް ކުޅުނު "ދެވަންސޫރަ" އިން މޮޅު އެކްޓަރާއި މޮޅު ޑައިރެކްޓަރާއި މޮޅު އެޑިޓިންގެ އިތުރުން މޮޅު ސްކްރީންޕްލޭގެ އެވޯޑް ޔޫއްޕެ އަށް ލިބުނެވެ.

އޭނަ ޑައިރެކްޓްކުރި ބިރުވެރި ފިލްމު "ކަޅަކި" މި އަހަރުގެ އޮކްޓޯބަރުގައި ރިލީޒްކުރަން ހަމަޖެހިފައިވެ އެވެ. އެއީ ކުރީގެ ބަތަލާ ނިއުމާ މުހައްމަދު ޕްރޮޑިއުސްކުރި ފިލްމެކެވެ.