Last Updated: May 19, 21:03
Sunday, May 19, 2024
ޚަބަރު

މަރަދޫ ހިއްކި ބިމުގެ ރިވެޓްމަންޓް ކުރިއަށް

އައްޑޫ މަރަދޫ ހިއްކި ބިމުގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ފަށައިފި އެވެ.

މި މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާ އިރު، ބިން ހިއްކަން ފެށީ މިދިޔަ މެއި މަހުގެ ފަހުކޮޅު އެވެ.

އައްޑޫ ބިން ހިއްކުމުގެ ބިޔަ މަޝްރޫއުގެ ތެރެއިން އެންމެ ފުރަތަމަ ބިން ހިއްކީ މަރަދު އާއި މަރަދޫފޭދޫންނެވެ. އެ ދެ އަވަށުގެ ހުޅަނގު ފަރާތުން 76 ހެކްޓަރުގެ ބިން ހިއްކާފައިވެ އެވެ. ކައުންސިލުން ބުނެފައިވާ ގޮތުގައި މަރަދު އާއި މަރަދޫފޭދޫގެ ހިއްކި ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭނާ ގުޅޭ މަޝްވަރާތައް އަންނަ މަހުގެ ތެރޭގައި ފަށައި، އެކަމާ ގުޅިން ހުރި އެހެނިހެން މަސައްކަތްތައް ވެސް ވަރަށް އަވަހަށް ފެށޭނެ އެވެ.

މަަރަދު އާއި މަރަދޫފޭދޫ ހިއްކައި ނިންމުމަށް ފަހު، މި މަޝްރޫއު ކުރިއަށް ގެންދާ ނެދަލޭންޑްސްގެ ވެން އޫޑް އިން މިހާރު ހިއްކުމުގެ މަސައްކަތް ކުރަނީ ހިތަދޫން ކަނޑައަޅާފައި އޮތް ޒޯން އެކެކެވެ.

ބިން ހިއްކަން ވެން އޫޑްއާ ހަވާލުކުރީ މިދިޔަ އަހަރުގެ މާޗް 27 ގަ އެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ހިންގާ މަޝްރޫއެކެވެ.

އައްޑޫގެ ބިން ހިއްކުމާ ގުޅޭ މުހިއްމު ބައެއް ކަންކަން:

* ޖުމްލަ 194.3 ހެކްޓަރުގެ ބިން ހިއްކާނެ
* ޖުމްލަ 11 ކިލޯމީޓަރު ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރާނެ
* ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކާނެ
* މަރަދޫ/މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކާނެ
* ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުމާއި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުން
* ޓޫރިޒަމަށް ހާއްސަކޮށްގެން ފަޅުތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކުން

ކައުންސިލުން ބުނެފައި ވަނީ މި މަޝްރޫޢުގެ ސަބަބުން ކުރިއަށް އޮތް 50 އަހަރަށް އައްޑޫއަށް ކުރިމަތިވެފައިވާ ބިމުގެ މައްސަލައަށް ހައްލެއް ލިބިގެން ދާނެ ކަމަށެވެ.