ކ. މާފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެ މަސައްކަތް ހަވާލު ކޮށްފައިވާ އެމްޓީސީސީން ބުނެފައިވަނީ، ކ. މާފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް 9 ޖުލައި 2023 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 63711 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 28836 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 4414 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 31 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 680 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި 700 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 374 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 160 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 19 މީޓަރު ދިގު 3 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 1869 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ކ. މާފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 76.48 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.