Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އާބާދީގެ 41 ޕަސެންޓް ދިރިއުޅެނީ މާލެ ސަރަހައްދުގައި

ހުޅުމާލެ މަތިން / ފޮޓޯ: އެޗްޑީސީ

ރާއްޖޭގެ އާބާދީގެ 41 އިންސައްތަ މީހުން ދިރިއުޅެނީ މާލެ ސަރަހައްދުގައި ކަމަށް "ބޯހިމެނުން 2022"ގެ ތަފާސްހިސާބުން ދައްކައިފިއެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މިއަދު ވަނީ "ބޯހިމެނުން 2022"ގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.

އެގޮތުން ބޯހިމެނުން 2022 ގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ޖުމުލަ 515،132 މީހުން ދިރިއުޅެމުން ގެންދެއެވެ. އޭގެތެރޭގައި ހިމެނެނީ 382،639 ދިވެހިންނާއި 132،493 ބިދޭސީންނެވެ.

ބޯހިމެނުން 2022 އިން ދައްކާގޮތުން ރާއްޖޭގެ އާބާދީގެ 41 އިންސައްތައަށްވާ 211،908 މީހުން ދިރިއުޅެމުން ގެންދަނީ މާލެ ސަރަހައްދުގައެވެ. އަދި އާބާދީގެ ތެރެއިން އިދާރީ ރަށްރަށުގައި 46 އިންސައްތަ މީހުން ދިރިއުޅޭއިރު ރިސޯޓް ތަކުގައި 10 އިންސައްތަ މީހުން އަދި އިންޑަސްޓްރިއަލް ރަށްރަށުގައި 3 އިންސައްތަ މީހުން އަންނަނީ ދިރިއުޅެމުންނެވެ.

ރާއްޖޭގައި ދިރިއުޅޭ އާބާދީ އިދާރީ ރަށްރަށަށް ބެހިފައިވާ ގޮތަށް ބަލާއިރު އެންމެ ގިނަ މީހުން ދިރިއުޅެމުން ގެންދަނީ އައްޑޫސިޓީގައެވެ. އެގޮތުން އައްޑޫގައި 25،062 މީހުން ދިރިއުޅެއެވެ. އަދި އައްޑޫއާ ޖެހިގެން އެންމެ ގިނަ އަދަދަކަށް މީހުން ދިރިއުޅެނީ ހދ. އަތޮޅުގައެވެ. ހދ. އަތޮޅުގައި 22،440 މީހުން ދިރިއުޅޭ ކަމަށް ތަފާސްހިސާބުތަކުގައި ބުނެފައިވެއެވެ.