މި އަހަރު ރިލީޒްކުރާ އަކްޝޭ ކުމާރުގެ ދެވަނަ ފިލްމު އޯއެމްޖީ (އޯ މައި ގޯޑް) 2" ގެ ޓީޒާ މިއަދު ދައްކާލައިފި އެވެ.
އަންނަ މަހުގެ 11 ގައި ސިނަމާތަކަށް ގެންނަ މި ފިލްމަކީ އަމިތު ރާއީ ޑައިރެކްޓްކޮށްފައިވާ ކޮމެޑީ ޑްރާމާއެކެވެ. "އޯއެމްޖީ 2" އަކީ 2012 ގައި ގެނެސްދިން އަކްޝޭގެ "އޯއެމްޖީ" ގެ ސީކްއެލް އެވެ. ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ލިބުނު އެ ފިލްމު ޑައިރެކްޓްކުރީ އުމޭޝް ޝުކްލާ އެވެ.
"އޯއެމްޖީ 2" ގެ ކާސްޓްގައި ޔާމީ ގޯތަމް، ޕަންކަޖު ޓްރިޕަތީ، އަރޫން ގޯވިލް އަދި ގޯވިންދު ނަމްދޭވް ހިމެނެ އެވެ.
މިދިޔަ އަހަރު އަކްޝޭގެ ހަ ފިލްމެއް ރިލީޒްކޮށް، ހުރިހާ ފިލްމުތަކެއް ވެސް ފްލޮޕްވި އިރު، މި އަހަރުގެ ރިލީޒްކުރި އޭނަގެ ފުރަތަމަ ފިލްމު "ސެލްފީ" އަކީ ވެސް މާ ބޮޑު ތަރުހީބެއް ލިބުނު ފިލްމެއް ނޫނެވެ. އެހެންވެ މި ވަގުތު އަކްޝޭ އަށް ހިޓެއްގެ މުހިއްމުކަން ވަރަށް ބޮޑެވެ.
ނަމަވެސް "އޯމްއެމްޖީ 2" ސިނަމާތަކަށް މި ގެންނަނީ މި އަހަރުގެ އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އަދި އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ސަނީ ޑިއޯލްގެ "ގަދަރު 2" އާ އެއް ދުވަހެއްގައި ކަމަށްވާތީ އަކްޝޭގެ ފިލްމަށް ބޮކްސް އޮފީހުުގައި ޖެހޭނެ ހާލަކީ ކޮބައިތޯ ބަލަން ފިލްމީ ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން ތިބީ ވަރަށް ބޮޑަށް ކެތްމަދުވެފަ އެވެ.