ކީރިތި ޤުރުއާނަށް ފުރައްސާރަކޮށް އޭގެ ކޮޕީއެއް މިދިޔަ މަހުގެ ތެރޭގައި ސްވިޑްންގައި އެންދި މައްސަލައާ ގުޅިގެން އެކަމުގެ ރައްދެއްގެ ގޮތުން ކުވައިތުން ޤުރުއާންގެ 100،000 ކޮޕީ ސްވިޑްން ބަހުން ޕްރިންޓްކުރަން ނިންމައިފި އެވެ.
އެ ގައުމުން މިކަން ކުރަން ނިންމީ ބޮޑުވަޒީރު ޝެއިހު އަހުމަދު ނަވާފު އަލް-އަހުމަދު އަލް-ސަބާގެ އެންގެވުމަކަށެވެ.
އެގޮތުން މިހާރު ސްވިޑްން ބަހުން ޤުރުއާންގެ 100،000 ކޮޕީ ޕްރިންޓްކުރަން ކުވައިތުގެ މިނިސްޓަރުންގެ ކައުންސިލުން އަންނަނީ ތައްޔާރުވަމުންނެވެ. އަދި މި ކޮޕީތައް އެ ގައުމުގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ސްވިޑްންގެ އެކި ހިސާބުތަކަށް ބަހާނެ ކަމަށް ސަރުކާރުން ބުންޏެވެ.

ކުވައިތުން ބުނީ މުސްލިމުންގެ މާތް ފޮތް އަދި އިސްލާމް ދީން އޭގެ މައްޗަށް ބިނާވެގެންވާ ޤުރުއާނަށް އިހާނެތިކޮށް ހިތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންވެ ސްވިޑްންގައި ހިންގި އަމަލާ ދެކޮޅަށް، އިސްލާމް ދީން ފަތުރައި، ޤުރުއާނަށް އެ ގައުމުގެ މީހުންގެ މެދުގައި ލޯބި ޖައްސަން ސްވިޑްން ބަހުން ޤުރުއާން ޕްރިންޓްކޮށް ބެހުމަކީ މި ދަނޑިވަޅުގައީ ދީނަށްޓަކައި ކުރެވޭނެ ވަރަށް މުހިއްމު މަސައްކަތެއް ކަމަށް ކުވައިތު ސަރުކާރުން ބުންޏެވެ.
ސްވިންޑްންގައި މުސްހަފު އެންދި މައްސަލައާ ގުޅިގެން އިސްލާމީ ވަރަށް ގިނަ ގައުމުތަކުން އެ އަމަލު ކުށްވެރިކޮށްފައިވެ އެވެ. މީގެ ކުރިން ވެސް ސްވިޑްންގައި އިސްލާމް ދީނާ ދެކޮޅަށް މިފަދަ ކަންކަން ކޮށްކޮށް، އިސްލާމީ ދުނިޔެ ރުޅިއަރުވާފައިވެ އެވެ.