ގިނަ މީހުންގެ ދިރިއުޅުން ބަދަލުކޮށް ހިޖުރަކޮށްފައިވަނީ ތައުލީމު ހޯދުމަށް ކަމަށް "ބޯހިމެނުން 2022"ގެ ތަފާސްހިސާބުން ދައްކައިފިއެވެ.
ބޯހިމެނުމުގައި ހިޖުރަކޮށްފައިވާ މީހުން ކަމަށް ކަނޑައަޅާފައިވަޏީ އެމީހަކު އާއްމުކޮށް ދިރިއުޅޭ ރަށް ނޫން އެހެން ރަށެއް/ގައުމެއްގައި 1 އަހަރު ނުވަތަ އެއަށްވުރެއް ގިނަ ދުވަހު ދިރިއުޅެފައިވާނަމައެވެ. ނުވަތަ 1 އަހަރާއި އެއަށްވުރެއް ގިނަ ދުވަހު ދިރިއުޅެން ގަސްތުކޮށްގެން އެތަނެއްގައި ދިރިއުޅެމުންދާނަމައެވެ.
ރބޯހިމެނުމުގެ ތަފާސްހިސާބުން ދައްކާގޮތުގައި ރާއްޖޭގައި އާންމުކޮށް ދިރިއުޅޭ ދިވެހިްނގެ ތެރެއިން 46 އިންސައްތައަކީ އުމުރުގެ ކޮންމެވެސް ހިސާބެއްގައި ހިޖުރަކޮށްފައިވާ މީހުންނެވެ.
ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން ހިޖުރަކޮށްފައިވާ އާބާދީއަށް ބަލާއިރު ގިނަ މީހުން ހިޖުރަކޮށްފައިވަނީ ތައުލިމު ހޯދުމަށެވެ. އެގޮތުން 20 އިންސައްތަ މީހުން ތައުލީމު ހޯދުމަށް ހިޖުރަކޮށްފައިވާއިރު 19 އިންސައްތަ މީހުން ވަޒީފާ ހޯދުމަށް، އަދި އާއިލާ ހިޖުރަކުރުމުން އާއިލާއާއި އެކު ދިރިއުޅުން ބަދަލުކުރި 19 އިންސައްތަ މީހުން ހިމެނެއެވެ.
ރާއްޖޭގެ އާބާދީގެ 41 އިންސައްތަ މީހުން މާލެ ސަރަހައްދުގައި ދިރިއުޅޭއިރު މާލެއަށް ގިނަ މީޙުން ހިޖުރަކޮށްފައިވަނީވެސް ތައުލީމު ހޯދުމަށެވެ. އެގޮތުން 37 އިންސައްތަ މީހުން ތައުލީމު ހޯދުމަށް މާލެ ސަރަހައްދަށް ބަދަލުވެފައިވާއިރު އާއިލާ ހިޖުރަކުރުމުްނ އާއިލާއާއެކު ދިރިއުޅުން ބަދަލުކުރި 21 އިންސައްތަ މީހުންނާއި ވަޒީފާ ހޯދުމަށް ބަދަލުވި 14 އިންސައްތަ މީހުން ހިމެނެއެވެ.
ތަފާސްހިސާބު ދައްކާގޮތުން މައިގަނޑުގޮތެއްގައި އަތޮޅުތެރެއަށް ހިޖުރަކޮށްފައިވަނީ ރަށުގައި އެނބުރި ދިރިއުޅަށް ހިޖުރަކުރި 29 އިންސައްތަ މީހުންނާއި، އާއިލާ ހިޖުރަކުރުމުން އާއިލާއާއި އެކު ދިރިއުޅުމަށް ބަދަލުވި 21 އިންސައްތަ މީހުން އަދި ކައިވެންޏާ ގުޅިގެން ބަދަލުވި 13 އިންސައްތަ މީހުންނެވެ.