Last Updated: April 27, 17:57
Saturday, April 27, 2024
ދުނިޔެ

އެޕަލް އިން "ފޯލްޑެބްލް" މެކްބުކެއް ނެރެނީ

އެޕަލް އިން ވެސް ފަށްޖެހޭ ފޯނެއް ނެރެން އުޅޭ ކަމަށް ވާހަކަ ދެކެވޭތާ މިހާރު އެތައް ދުވަހެކެވެ. އެކަމަކު އާންމުންގެ ތެރޭގައި މަގުބޫލު އައިފޯން ނެރޭ ކުންފުނިން ރަސްމީކޮށް އެފަދަ އެއްވެސް މިހާތަނަކަށް އިޝާރާތެއް ނުދެ އެވެ. އެކަމަކު އެޕަލްގެ ފަށްޖެހޭ ފޯނަކަށް ކުރެވޭ އުންމީދު އަދި ގެއްލުވާކަށް ނުވެ އެވެ

ނަމަވެސް އޭގެ ވާހަކަ އެއް ފަރާތްކޮށްފައި، ފަށްޖެހޭ އެޕަލްގެ އެހެން އުފެއްދުމެއްގެ ވާހަކަ ދައްކަމާ ހިނގާށެވެ. ޓެކް ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެޕަލް އިން މިހާރު އަންނަނީ ފަށްޖެހޭ މެކްބުކަކަށް މަސައްކަތްކުރަމުންނެވެ. އެ ކުންފުނީގެ އާ އުފެއްދުންތަކާ ބެހޭ ޚަބަރުތައް ތިލަކޮށްދޭ ބައެއް ރިސާޗަރުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ ފަށްޖެހޭ މެކްބުކް 2025 ގައި ދައްކާލައި، 2026 ގައި އެ އުފެއްދުން މާކެޓަށް ނެރެން އެޕަލް އިން މިހާރު އަމާޒު ހިފާފައިވާ ކަމަށެވެ

އެކަމަކު އާންމު އުސޫލުގެ މަތިން މިކަމާ ބެހޭ އެއްވެސް ވާހަކައަކަށް އެޕަލް އިން ނުދައްކަ އެވެ. އެ ކުންފުންޏަކީ އެއް އިރެއްގައި ވެސް އުފެއްދުމެއް ލޯންޗްކުރުމާ ހަމައަށް އޭގެ ވާހަކަ މީޑިއާތަކާ ހިއްސާކުރާ ކުންފުންޏެއް ނޫނެވެ.

ބައެއް މީޑިއާތަކުން ބުނީ އެޕަލްގެ ފަށްޖެހޭ މެކްބުކަށް ބޭނުންވާ އެންމެ ޒަމާނީ ޑިސްޕްލޭ ފޯރުކޮށްދޭނީ ވާދަވެރި ކުންފުންޏެއް ކަމަށްވާ ދެކުނު ކޮރެއާގެ ސެމްސަންގުގެ އިތުރުން އެލްޖީގެ ޑިސްޕްލޭ ޔުނިޓުންނެވެ. އަދި ފަށްޖެހޭ މެކްބުކްގެ ޑިސްޕްލޭގައި 20.5 އިންޗި ހުންނާނެ އެވެ.

މި ވަގުތަށް މި އުފެއްދުމާ ބެހޭ މައުލޫމާތު އެނގޭ ވަރަކީ މިއެވެ. ދެން އޮތީ ދިގު އިންތިޒާރެއްގައި ތިބުމެބެ.